ބިދޭސީން

ބިދޭސީން އަތުލައިގަތުމަށް އިތުރު އިދާރާތައް ޓާސްކްފޯސްގައި ހިމަނައިފި

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އިތުރު އިދާރާތައް ބައިވެރިކޮށް އޮޕަރޭޝަން އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށް ނިންމައިފި އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން މިވަގުތު އެންމެ އިސްކޮށް މަސައްކަތް ކުރަނީ މޯލްޑިވްސް އިމިގްރޭޝަނެވެ. އަދި ފުލުހުން ގެންދަނީ އިމިގްރޭޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އިމިގްރޭޝަނުން މިހާތަނަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެ އެ މަސައްކަތަށް އާންމުންގެ އިތުބާރު ހޯދާފައިވެ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ފަށާފައިވާ އޮޕަރޭޝަންގައި އިތުރަށް ބައިވެރި ކުރީ އިކޮނޮމިކް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ އިތުރުން އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެޗްޕީއޭ އާއި އެމްއެފްޑީއޭ އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރެއްވުމަށްފަހު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ބިދޭސީން އަތުލައިގަތުމުގެ އޮޕަރޭޝަން ދެން ކުރިއަށްދާނީ އަލަށް ޓާސްކްފޯސްގައި ބައިވެރިކުރި އިދާރާތަކާ އެކު ކަމަށާއި އެގޮތަށް މަސައްކަތް ފެށުމުން އިތުުރު ކުރިއެރުންތަކެއް ލިބި އަވަސް ނިންމުންތަކެއް ނިންމޭނެ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވީ ބިދޭސީން ރާއްޖޭގައި ގާނޫނާއި ގަވައިދާ ހިލާފަށް އަދި އެއްވެސް ރައްކާތެރިކަމެއް ނެތި ކެއިންބުއިމުގެ ހިދުމަތް ދޭނަމަ އެފަދަ ވިޔަފާރިތައް ހިންގާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ބިދޭސީން ގަވައިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ސަމާލުކަމަށް އައުމާ އެކު އެފަދަ ވިޔަފާރިތައް ހުއްޓުވާނެ ކަމަށެވެ.