ބިދޭސީން

ބިދޭސީންގެ މެޑިކަލް ޓެސްޓްގައި ފައިލޭރިއާ ހިމަނަނީ

ބިދޭސީން ރާއްޖެ އެތެރެވާއިރު ހަދަންޖެހޭ މެޑިކަލް ޓެސްޓްގައި ފައިލޭރިއާއަށް ޓެސްޓް ކުރުން ހިމަނާފައި ނުވާތީ ފައިލޭރިއާއަށް ޓެސްޓްކުރުން މަޖުބޫރުކުރަން ޖެހޭ ގޮތް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

ދައުލަތުގެ މީޑިއާ -- ޕީއެސްއެމްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑިރެކްޓ ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. އަހްމަދު އަޝްރަފް ވިދާޅުވީ ބިދޭސީއަކު ރާއްޖޭގައި މަސައްކަތް ކުރުމަށް ވޯކްޕަމިޓް ދޫކުރާއިރު ވަކި ބަލިތަކަކަށް ޓެސްޓް ހެދުމަށް ލާޒިމުކޮށްފައިވީ ނަމަވެސް މީގެތެރޭގައި ފައިލޭރިއާ ހިމެނިފައި ނުވާ ކަމަށެވެ.

ބިދޭސީންގެ މެޑިކަލް ޓެސްޓްގައި އޮންނަނީ ހެޕަޓައިޓިސް، އެޗްއައިވީ އަދި ކެއްސާބަލި ފަދަ ބަލިތަކަށް ޓެސްޓް ކުރުމެވެ.

އަޝްރަފް ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ފައިލޭރިއާއަށް ޕޮޒިޓިވްވުމާ ގުޅިގެން ފައިލޭރިއާ އަށް މިހާރަށް ވުރެ ބޮޑަށް ސަމާލުވާންޖެހޭ ކަމަށެވެ. އެހެންކަމުން ބިދޭސީންނަށް ވޯކްޕަމިޓް ދޫކުރާއިރު ހަދަންޖެހޭ ޓެސްޓްތަކުގެ ތެރޭގައި ފައިލޭރިއާ ހިމެނުމަށް ކަމާ ގުޅޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"އެކަމުގައި މަޝްވަރާ ކުރަމުން މި ގެންދަނީ. އަދި އޭގައި އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑުމެން ރާއްޖެއަށް އިމްޕޯޓުވާ މި ކޭސްތައް ދެނެގަތުމަށްޓަކައި އަޅުގަނޑުމެންގެ ވޯކް ޕާމިޓް މެޑިކަލްގައި ކޮން އުސޫލުތަކެއް ކޮން ގޮތަކަށް ހަމަޖައްސައިގެންތޯ ކުރިއަށް ދާނީ ބެލުން،" އަޝްރަފް ވިދާޅުވި އެވެ.

ފައިލޭރިއާ ޖެހިފައިވާ ބިދޭސީންތަކެއް މިފަހުން ރާއްޖެއިން ފެނުނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރަން މި މަހުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ބިދޭސީންނަށް ހިންގުނު ހެލްތު ސްކްރީނިން ކޭމްޕުންނެވެ. ފައިލޭރިއާ ހުރިތޯ ބެލުމަށް ބައެއް ދިވެހިން ވެސް ސްކްރީން ކުރަމުން އެބަގެންދެ އެވެ.

ކުޅުދުއްފުށިން ފައިލޭރިއާގެ ކޭސްތަކެއް ފެނުނު ފަހުން މިދިޔަ ހުކުރު ދުވަހު ހުޅުމާލެ އިން ވެސް ވަނީ ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ފެނިފަ އެވެ.

ހުޅުމާލެ އިން ފެނުނު ފައިލޭރިއާ ކޭސްއާ އެކު ރާއްޖޭގައި މި ބަލި ޖެހިފައިވާ 26 މީހަކު މިހާރު އެބަތިއްބެވެ.

ރާއްޖެ އިން ނައްތާލާފައިވާ ފައިލޭރިއާ ބަލި ޖެހިފައިވާ ބިދޭސީންތަކެއް ފެނުމާ ގުޅިގެން މިހާތަނަށް މާލެ އާއި ހދ. ކުޅުދުއްފުށިން 452 މީހަކު ފައިލޭރިއާ އަށް ޓެސްޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވެ އެވެ.