ރައްޔިތުންގެ މަޖިލިސް

ނަޝީދާއި އީވާ މަގާމުން ވަކިކުރަން ޕެޓިޝަނެއްގައި ސޮއިކުރަނީ

Jul 31, 2022
2

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

މިއަދު ސޮއި ކުރަން ފެށި ޕެޓިޝަންގައި މިހާތަނަށް 27 މީހުން ސޮއިކޮށްފައިވެ އެވެ. ޕެޓިޝަނާ އެކު "އިމްޕީޗް ނަޝީދު"ގެ ނަމުގައި ސޯޝަލް މީޑީއާގައި ހާއްސަ ހޭޝްޓެގެއްވެސް ދަނީ ބޭނުންކުރަމުންނެވެ.

ޕެޓިޝަންގައި ބުނެފައިވަނީ ދިވެހިން ބަލައިގެންފައިވާ އިޖުތިމާއީ އަދި ދީނީ ހަމަތަކަށް ރައީސް ނަޝީދު މެދުނުކެނޑި ފުރައްސާރަ ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން ފާހިޝް އަމަލުތައް ދިފާއުކޮށް މުޅި ގައުމުގެ އަގުވައްޓާލުމަށް ނަޝީދު މަސައްކަތް ކުރަމުންދާ ކަމަށްވެސް ޕެޓިޝަންގައި ތުހުމަތުކޮށްފައިވެ އެވެ. އެހެންވެ މި ޕެޓިޝަންގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު އަދި ނައިބް ރައީސްގެ މަގާމުން އީވާ އަބްދުﷲ ދުރުކުރުމަށެވެ.

ނަޝީދާއި އީވާ މަގާމުން ވަކިކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައި މިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާ އެކު ބަދުއަހްލާގީ އަމަލު ހިންގާ މަންޒަރު ދައްކައިދޭ ފޮޓޯތަކެއް ހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާ ރައީސް ނަޝީދާ ދެކޮޅަށް ވާހަކަދައްކަވަމުން ގެންދަވާ ވަގުތެއްގަ އެވެ.

ރައީސް ނަޝީދު ރައީސް ސޯލިހަށް އަމާޒުކޮށް ބޮޑު ތުހުމަތެއް ކުރީ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމު އަބްދުއްސައްތާރު ހައްޔާރުކުރުމާ ގުޅިގެންނެވެ.

ރައީސް ނަޝީދާއި އީވާ މަގާމުން ވަކިކުރުމަށް ބައެއް މެންބަރުންނާއި ބައެއް އާންމުންވެސް ގޮވާލަމުން ގެންދާއިރު މަޖިލިސް މިވަގުތު އޮތީ ޗުއްޓީގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަލުން ފަށާނީ ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގަ އެވެ. ރައީސް ނަޝީދު މިވަގުތު ހުންނެވީ ވެސް އިނގިރޭސިވިލާތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް މަޖިލީހަށް ގަރާރެއް ހުށަހެޅުމުންނެވެ. ހިނގަމުންދާ މަޖިލީހުގައި ނަމަ ގަރާރު ހުށަހެޅުމަށް މަދުވެގެން 22 މެންބަރުންގެ ސޮއި ބޭނުންވާނެ އެވެ.

ގަރާރު ހުށަހެޅުމުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރެވޭނެ އެވެ. އެއީ ހިނގަމުންދާ މަޖިލީހުގައި ތިއްބެވި 87 މެންބަރުންގެ ތެރެއިން 43 މެންބަރުންގެ ތާއީދާ އެކު އެވެ.