ރައްޔިތުންގެ މަޖިލިސް

ނަޝީދުގެ ގަރާރު ކުރިއަށް ގެންދިއުމަށް ނިޔުޝާގެ ހަތަރު ހުށަހެޅުމެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ ކަންކަމަށް މަޖިލީހުގެ ނިޒާމުގެ ތެރެއިން ހައްލުކުރެވޭނެ ގޮތްތައް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާ މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދާތީ އެކަމަށް ހައްލެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަދު ބޭއްވި ދެވަނަ އަޑުއެހުމުގައި ނިޔުޝާ ވިދާޅުވީ މަޖިލީހުގެ ނިޒާމުގެ ތެރެއިން ހަތަރު ހައްލެއް ގެނެވޭނެ ކަމަށެވެ.

އެގޮތުން މަޖިލީހުގެ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް މަޖިލީހުގެ ގަވާއިދުގެ 108 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ އާންމު ކޮމިޓީއަށް ކުރެވޭނެ ކަމަށް ނިޔުޝާ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް މަޖިލީހުގެ މެންބަރަކަށް ގަރާރެއް ހުށަހެޅޭނެ ކަމަށާއި ގަވާއިދު އިސްލާހު ކުރުމަށް މައްސަލައެއްގެ ގޮތުގައިވެސް މެންބަރުންނަށް ހުށަހެޅޭނެކަން ނިޔުޝާ ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ ގަވާއިދުގައި ނެތްކަމެއް ދިމާވުމުން އަމަލުކުރާނެ ގޮތް މަޖިލީހުގެ ގަވާއިދުގެ 250 ވަނަ މާއްދާގައި ބަޔާންކުރާއިރު އެއީވެސް މައްސަލަ ހައްލު ކުރެވޭނެ ގޮތެއް ކަމަށް ނިޔުޝާ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގެ 250 ވަނަ މާއްދާގައިވާ ގޮތުން އެ ގަވާއިދުގައި ބަޔާން ނުކުރާ ކަމެއް ދިމާވެއްޖެނަމަ، ފުރަތަމަ ބަލާނީ ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކުންނާއި އަމަލުކުރަމުން އައިސްފައިވާ އުސޫލުތަކުން އެކަމަށް އެއްވެސް ހައްލެއް ފެނޭތޯ އެވެ. އެއިން ކަމަކުން އެފަދަ ހައްލެއް ނުފެނިއްޖެނަމަ ދެން ބަލާނީ ރިޔާސީ ނިޒާމު ގާއިމުކުރެވިފައިވާ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި އެފަދަ ހާލަތްތަކުގައި އަމަލުކުރާ އާންމު އުސޫލަށް ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފަ އެވެ. މަޖިލީހުގެ ނައިބް އީވާ އަބްދުﷲ ގެންދަވަނީ ބަލި ކަމަށް ވިދާޅުވެ މަޖިލިސް އިދާރާއަށް ސަލާމު ފޮނުއްވަމުންނެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާނަމަ އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާތީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގައި އެހެންވެސް ކަމެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެމްޑީޕީން ވަނީ އެދިފަ އެވެ.