މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ އެބޭފުޅުންގެ މަރު ދުވަހާ ޖެހެންދެންވެސް ޣައްދާރުން ކަމަށް ޕީޕީއެމްގެ ރައީސްކަން ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމު މިއަދު ވައްޓާލާފައި އޮތް ހާލަތުން އެއްފަރާތްވެ ނާޒިމާއި ގާސިމު ދުރަށް ޖެހިވަޑައިގަންނަވަން އުޅުއްވި ނަމަވެސް އެ ދެ ބޭފުޅުންނަކީ ވެސް ޣައްދާރުން ކަމަށެވެ.
އަދާލަތު ޕާޓީއަށް ނިސްބަތްވާ ޝައިހުން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ތެރެއިން ސަލާމަތާއި ރައްކާތެރިކަން ހޯއްދަވާފައިވާ ކަމަށްވެސް ޔާމީން ތުހުމަތުކުރައްވާފައިވެ އެވެ.
ނާޒިމާއި ގާސިމް އަދި އަދާލަތުގެ އިލްމުވެރިންނަށް އަމާޒުކޮށް އެބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ޔާމީން މިއަދު ކުއްލި ގޮތަކަށް ޓްވީޓެއް ކުރެއްވީ ކޮން ސަބަބުތަކަކާ ގުޅިގެން ކަމެއް އެނގިފައެއް ނުވެ އެވެ.
މިފަހުން ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އަދި އެމްއެންޕީން ވެސް ގެންދަނީ ސަރުކާރުގެ ބައެއް ކަންކަމާ މެދު ހިތްހަމަނުޖެހިގެން އެ ޕާޓީތަކުން ދެކޭ ގޮތް ހާމަކުރަމުންނެވެ. އަދާލަތާއި ޖުމްހޫރީ ޕާޓީ އަކީ ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިން ކަމަށްވީ ނަމަވެސް އެމްއެންޕީއަކީ ވެރިކަން ކުރާ ކޯލިޝަންގައިވެސް އަދި އިދިކޮޅު ކޯލިޝަންގައިވެސް ރަސްމީކޮށް އޮތް ޕާޓީއެއް ނޫނެވެ.
އަދާލަތު ޕާޓީން ސަރުކާރާ ގުޅުންހުރި ބައެއް މައްސަލަތަކުގައި ހިތްހަމަނުޖެހުނު ނަމަވެސް އެ ޕާޓީގެ ބައެއް އިލްމުވެރިން ގެންދަވަނީ ރައީސް ސޯލިހްގެ ދިފާއުގައި ސޯޝަލްމީޑިއާގައި ވަރަށް ބޮޑަށް ވާހަކަދައްކަވަމުންނެވެ.
ނާޒިމާއި ގާސިމަކީ ޣައްދާރުން ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް އެމްއެންޕީއާއި ޖުމްހޫރީ ޕާޓީން ރައްދުގައި އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.