އެމެރިކާ ގާނޫން ހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ އޭޝިއާއަށް ދަތުރެއް ކުރައްވަނީ އެވެ. އޭނާ ޓްވިޓާއަށް ނުކުމެވަޑައިގެން ޓްރީޓްކުރައްވައި ހަތަރު ގައުމެއްގެ ނަން މިހާރު އޮތީ އިއުލާން ކުރައްވާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕެލޯސީ މިއަދު ދަތުރު ފައްޓަވާނެ އެވެ. ފުރަތަމަ ވަޑައިގަންނަވާނީ ސިންގަޕޫރަށެވެ. އޭނާ ޓްވީޓްކުރެއްވި ތަރުތީބުން ދެން އޮތީ މެލޭޝިއާ އެވެ. އެއަށް ފަހު ދެކުނު ކޮރެއާ އަދި ޖަޕާން އެވެ.
އޭޝިއާއަށް ކުރައްވާ ދަތުރުގައި ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވާނެ ކަމަށް ކުރިން ވިދާޅުވި އެވެ. އެހެން ނަމަވެސް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ޓްވީޓްކުރެއްވި ގައުމުތަކުގެ ތެރޭގައި ޓައިވާންގެ ނަމެއް ނެތެވެ.
ޕެލޯސީ ޓައިވާނަށް ވަޑައިގަަންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް ދުވަހަކާއި ވަގުގެއް ހާމައެއް ނުކުރައްވަ އެވެ. އަދި ޓައިވާނަށް ވަޑައިގަންނަވާނެކަން ކަށަވަރު ކޮށެއް ވެސް ނުދެއްވަ އެވެ.
އެމެރިކާ ސަރުކާރުގެ އޮފިޝަލުން -- ޕެލޯސީ ވެސް މިހެނޭ ގޮތުން، ޓައިވާނަށް ދަތުރުކުރުމަކީ ޗައިނާއިން މަނާކޮށްފައި އޮތް ކަމެކެވެ. އެކަމަކު ވެސް އެމެރިކާގައި ހުރި ބޯހަރު ކަމެއްގެ ސަބަބުން ޕެލޯސީ ޓައިވާނަށް ވަޑައި ނުގަންނަވާނެ ކަމަކަށް ސަރުކާރަކުން ނުބުނެ އެވެ.
ޕެލޯސީގެ ދަތުރުގައި ޓައިވާނަށް ވަޑައިގަތުމަކީ ކޮންމެހެން ވެސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް މަޖިލީސް މެމްބަރުނާއި ބައިޑަން ސަރުކަރު އިސް އޮފިޝަލުން ޕެލޯސީއަށް ވަނީ ދަންނަވާފަ އެވެ.
ޓައިވާނަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވުމަށް ފަހު އެކަން އެގޮތަށް ނުކޮށްފި ނަަމަ އެ ވާނީ އެމެރިކާ ބަލި ގަބޫލުކުރުން ކަމަށް ޕެލޯސީއަށް ވަސްވާސްދޭ މީހުން ބުނެ އެވެ.
ޗައިނާ ދެކޭ ގޮތުގައި ޓައިވާނަކީ މިނިވަން ދައުލަތެއް ނޫނެވެ. އެއީ ޗައިނާގެ ބައެކެވެ. އެހެންކަމުން ޓައިވާން އޮންނަން ޖެހޭނީ މައި ސަރުކާރުގެ ބެލުމުގެ ދަށުގަ އެވެ.
ވަކި ސަރުކާރަކުން ޓައިވާން ހިންގުން އެންމެ ރަނގަޅު ކަމަށް ޗައިނާ އޮތީ ބުނެފަ އެވެ. އެހެން ނަމަވެސ ވަކި ދައުލަތެއްގެ ސިފަ ނުޖެއްސޭނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.
މިދިއަ އަފުތާގެ ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވީޑިއޯ މެދުވެރިކޮށް މަޝްވަރާ ކުރެއްވި އެވެ.
ދެ ގައުމުގެ ދެމެދުގައި ހުރި ކަންބޮޑުވުންތައް ހިމެނޭ ގޮތުން ވަރަށް ސީދާ އަދި ހުޝިޔާރު މަޝްވަރާތަކުގައި، އެމެރިކާގެ އޮފިޝަލުން ޓައިވާނަށް ވަޑައި ނުގަތުމަށް ޝީ ދެންނެވި އެވެ.
ޕެލޯސީގެ ދަތުރާ ބެހޭ ގޮތުން ޝީ ވިދާޅުވީ ޗައިނާގެ އިމުގެ ތެރޭގައި އެމެރިކާއަށް ހިތުހުރި ކުޅިއެއް ނުކުޅެވޭނެ ކަމަށާއި އަލިފާނަށް ދަރުއަޅަން ހަދައިގެން ރޯވެ ފިހިދާނެ ކަމަށެވެ.