ކްލީކް ކޮލެޖުން ފަތުރުވެރިކަމާ ބެހޭ އިންޓަނޭޝަނަލް ކޮންފަރަންސެއް ފަށައިފި އެވެ.
އިންޓަނޭޝަނަލް ކޮންފަރެންސް އޮން ޓޫރިޒަމް އެންޑް ސޯޝަލް ރިސާޗްގެ ނަމުގައި މި ކޮންފަރެންސް ކުރިއަށް ގެންދަނީ މިމަހުގެ ދެވަނަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށެވެ.
ކޮންފަރެންސް ކުރިއަށްދަނީ އއ. އުކުޅަސް ކޮންވެންޝަން ސެންޓަރުގަ އެވެ. ކޮންފަރެންސްގެ ޝިއާރަކީ "ރީތިންކިން ޓޫރިޒަމް، ހޮސްޕިޓާލިޓީ އެންޑް އިވެންޓްސް ފޯ އަ ބެޓާ ފިއުޗާ" އެވެ.
ކްލީކް ކޮލެޖުން ބުނީ މި ކޮންފަރެންސްގައި ފަތުރުވެރިކަމާ ގުޅޭ ދިރާސާ ކުރާ ޕްރޮފެސަރުންގެ ހަ ކީނޯޓް ސްޕީކާސް ބައިވެރިވާ ކަމަށެވެ. މިއީ ކްލީކް ކޮލެޖުގެ އިސްނެގުމާއިއެކު ކްލީކް ކޮލެޖްގެ ދަށުން ހިންގާ ސޯޝަލް ރިސާޗް ސެންޓަރާއި އިނގިރޭސިވިލާތުގެ ނޮޓިންހަމް ޓްރެންޓް ޔުނިވާސިޓީ އާއި އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީ ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.
ކްލީކް ކޮލެޖުން ބުނީ މި ކޮންފަރެންސްގައި 14 ގައުމަކުން 33 ޕްރެޒެންޓަރުން ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން ޖަރުމަން، ސްޕެއިން، އިނގިރޭސިވިލާތް، އެމެރިކާ، ބަހާމަސް، އޮސްޓްރޭލިޔާ، ސައުތު އެފްރިކާ، ސައުތު ކޮރެއާ، ޔޫއޭއީ ފަދަ ގައުމުތަކުގެ ޕީއެޗްޑީއަށް ކިޔަވަމުންދާ ކުދިންނާއި ޕްރޮފެސަރުންގެ އިތުރުން ޓޫރިޒަމް ދާއިރާގެ ރިސާޗަރުންނާއި ޕްރެކްޓިޝަނާޒް ބައިވެރިވެފައިވެ އެވެ.
މި ކޮންފަރެންސްގެ ސަބަބުން ރިސާޗްގެ ދާއިރާއިން މަސައްކަތް ކުރަމުންދާ އެކިއެކި މާހިރުންނަށް ދުނިޔޭގެ އެކި ސަރަހައްދުތަކުން ގިނަ ބަޔަކާއި ދިމާވެ، ރަނގަޅު ގުޅުންތަކެއް ބިނާކުރެވިފައިވާ ކަމަށް ކްލީކް ކޮލެޖުން ބުނެ އެވެ.
މި ކޮންފަރެންސްގެ ސަޕޯޓިން އޯގަނައިޒޭޝަންގެ ގޮތުގައި ހިމެނެނީ ޔޫއެންޑީޕީ، އެމްއެމްޕީއާރްސީ، ސީޓީއެޗް (ކޮންފެޑެރޭޝަން އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ، ޔޫކޭ) އަދި އއ. އުކުޅަސް ކައުންސިލް އިދާރާ އެވެ.
މީގެ އިތުރުން ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގު އަދި ޕްރިންޓިން ޕާޓްނަރުގެ ގޮތުގައި ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާޒް ހިމެނެ އެވެ. މި އިވެންޓަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އިން ގަބ ގަބޫލުކޮށް ބަލައިގެންފައިވާ އިވެންޓެކެވެ.
ކްލީކް ކޮލެޖުން ވަނީ މުސްތަގުބަލުގައި ވެސް މިފަދަ ކޮންފަރެންސްތައް ބޭއްވުމަށް ނިންމާފަ އެވެ.