ކްލިކް ކޮލެޖްގެ ހަރަކާތެއްގައި ކްރިސްޓިއަން ދީނަށް ވާގިދޭ ލަވައެއް ޖެހި މައްސަލަ ބަލަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނެފައިވަނީ ނަސޯރާ ދީނަށް ވާގިދޭ ލަވައެއް ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮތް ހަރަކާތެއްގައި ޖެހި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
ހަރަކާތްތައް އިންތިޒާމު ކުރާއިރު ދީނާ ހިލާފު ކަންކަން ކުރުމަކީ ގަނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހަނދާން ކޮށްދީފަ އެވެ. އަދި އެކިއެކި ހަރަކާތްތައް އިންތިޒާމު ކުރާ ފަރަތްތަކުން ދީނާ ހިލާފު ކަންކަން ނުހިނގާނެ ގޮތަށް ހަރަކާތްތައް އިންތިޒާމު ކުރުމަށް ވެސް މިނިސްޓްރީން އިލްތިމާސް ކޮށްފައިވެ އެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މިމަހުގެ ތިންވަނަ ދުވަހު ކްލިކް ކޮލެޖްގެ ކުޅިވަރު ހަރަކާތްތަކެއްގައި ކްރިސްޓިއަން ދީނުގެ ލަވަ ޖަހާފައިވާތީ ވަރަށް ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމާ ގުޅިގެން ކްލިކް ކޮލެޖުން ބުނީ އެފަދަ ލަވައެއް ޖެހުނީ އޮޅުމަކުން ކަމަށާ އެކަން ސަމާލުކަމަށް އައުމާއެކު ލަވަ ހުއްޓާލި ކަމަށެވެ. ކްލިކް ކޮލެޖުން ވަނީ މާފަށް ވެސް އެދިފަ އެވެ.