ކްލިކް ކޮލެޖް

ކްލީކް ކޮލެޖުގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

Oct 25, 2021

ކްލީކް ކޮލެޖުގެ 21 ވަނަ އަހަރީ ދުވަސް ރޭ ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފި އެވެ.

ކްލީކް ކޮލެޖުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ވަނީ މީރުމާ އިވެންޓްގައި ގާލާ ނައިޓެއް ބާއްވާފަ އެވެ. މި އިވެންޓް އިންތިޒާމްކޮށްފައި ވަނީ ސްޓޫޑެންޓް އެސޯސިއޭޝަން އޮފް ކްލީކް ކޮލެޖް (އެސްއޭސީސީ) އެވެ.

މި ގާލާ ނައިޓްގައި ކްލީކް ކޮލެޖުގެ ސްޓާފުންނާއި ލެކްޗަރާއިންނާއި ދަރިވަރުންނާއި އެމީހުންގެ ގާތް މީހުން ވެސް ވަނީ ބައިވެރިވެފަ އެވެ. މި އިވެންޓްގައި ސްޓާފުންނާއި ލެކްޗަރާއިން އަދި ދަރިވަރުންގެ ހާއްސަ ހުށަހެޅުންތަކެއް ވަނީ ދައްކައިލާފަ އެވެ.

ކްލީކް ކޮލެޖުގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފައިވާއިރު އެ ކޮލެޖަކީ 2000 ވަނަ އަހަރު ވުޖޫދަށް އައިސްފައިވާ ކޮލެޖެކެވެ. ކޮލެޖްގެ ފެށުމަކީ ފަސް ކްލާސްމޭޓުން ވިޔަފާރިއެއް ފަށަށް ވިސްނި ވިސްނުމެކެވެ. އެންމެ ފުރަތަމަ ކްލީކް ކޮލެޖް ރަޖިސްޓްރީ ކޮށްފައި ވަނީ ކްލީކް ޓްރެއިނިން އިންސްޓްޓިއުޓްއެއްގެ ގޮތުގަ އެވެ. 2001 ވަނަ އަހަރުގެ ޖޫން މަހު ފުރަތަމަ ކެމްޕަސް ހުޅުވި އެވެ.

ކޮލެޖް އުފެދިގެން ދިޔައީ ދިރާގުން އެ ކޮލެޖަށް ދިން ފުރުސަތެއްގައި އެ މުއައްސަސާގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ކަސްޓަމާ ސާވިސް ތަމްރީނަކުންނެވެ. މި ތަމްރީން ހިންގާފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރާގުގައި މަސައްކަތްކުރި މުވައްޒަފުންނަށް އަމާޒުކޮށްގެންނެވެ.

މިހާރު ކްލީކް ކޮލެޖުގައި 400 އެއްހާ ދަރިވަރުން ކިޔަވަމުން ދާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބެގެން ވެސް ދަރިވަރުން އަންނަނީ އެ ކޮލެޖުން ތައުލީމު ހާސިލްކުރަމުންނެވެ.

ކްލީކް ކޮލެޖަށް 21 އަހަރު ފުރުމާއި ގުޅިގެން ބޭއްވި އިވެންޓް ސްޕޮންސާކޮށްދިން ބަނާނާ ލީފް، އޮއިޝީ ދަ ހައުސް އޮފް ސޫޝީ، އަރަސާ ޕްރައިވެޓް ލިމިޓެޑް، ސެންސޭޝަން ބީޗް ކްލަބް އެޓް ކްރޮސްރޯޑްސް، ކޮކޯ ޗިކް، ވެޑިން ޑްރީމްސް، އެކްޕެޑައިޓް މޯލްޑިވްސް، އޯޝަން ރީޓްރީޓް އެންޑް ސްޕާ ގުރައިސޫ، ދަ ޑޯ ބައި ޖެލީ، ޕާމް ގާޑްން ތޮއްޑޫ އިން، ވިލުނު ސްޓީކް، ކޮޕީ ބާ އަދި ރިޝްވާންސް ފޮޓޯގްރަފީ އާއި ޔޫރޯ މާކެޓިން އަށް ކްލީކް ކޮލެޖުން ވަނީ ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ.

ކްލީކް ކޮލެޖުގެ ބައެއް އުސް އަލިތައް

ކްލީކް ކޮލެޖުގެ މާޒީއަށް ބަލާއިރު މިއަދާ ހަމައަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފަ އެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ބޭރުގެ ޔުނިވާސިޓީތަކާއި ގުޅިގެން ބޭރުގެ ޕްރޮގްރާމްތައް ހިންގަން ފެށީ މި ކޮލެޖުންނެވެ. އެގޮތުން ކްލީކް ކޮލެޖަކީ ޔޫކޭގެ ޔުނިވާސިޓީތަކާއެކު ޕާޓްނާޝިޕް ހަދައިގެން ރާއްޖޭގައި ހިންގަން ފެށި ފުރަތަމަ ކޮލެޖެވެ. އެންމެ ފުރަތަމަ ޕާޓްނާޝިޕް ހެދީ 2001 ވަނަ އަހަރުގެ މޭ މަހު އެޑްވާންސްޑް ބިޒްނަސް އެޑިއުކޭޝަން (އޭބީއީ، ޔޫކޭ) އާއި އެކީ އެވެ. މި ޕްރޮގްރާމުން 2003 ވަނަ އަހަރު ރާއްޖޭގެ ދަރިވަރުން ޓޮޕް ޕޭޕާ ޕްރައިޒް ފުރަތަމަ ފަހަރަށް ހާސިލްކުރި އެވެ. މިއަދާ ހަމައަށް މި ޕްރައިޒް 55 ދަރިވަރުން ވަނީ ހޯދާފަ އެވެ. މިއީ އެންމެ މަތިން މާކްސް ހޯދުމުން ލިބޭ ޕްރައިޒެއްކަން ވެސް ފާހަގަކޮށްލެވެ އެވެ.

އޭސީސީއޭގެ ކޯސްތައް ކްލީކް ކޮލެޖްގައި ލޯންޗްކޮށްފައި ވަނީ 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އޭގެ ފަހުން 2009 ވަނަ އަހަރު އިތުރު ޕާޓްނާޝިޕްތައް ހަދަން ފެށި އެވެ. އެ އަހަރު "ޕްރެސިޑެންޓްސް ނޭޝަނަލް އެވޯޑު" ކްލީކަށް ކޮލެޖަށް ލިބުނެވެ. އެވޯޑު ދެއްވީ ރައީސް މުހައްމަދު ނަޝީދު އެވެ.

އޭގެ ތިން އަހަރު ފަހުން 2012 ވަނަ އަހަރު އެ ކޮލެޖުން ޔޫކޭގެ ހެރިއޮޓް-ވަޓް ޔުނިވާސިޓީއާ އެކު ޕާޓްނާޝިޕް ހެދި އެވެ. މިއީ ޔޫކޭގައި 13 ވަނަ އަށް އެންމެ ޓޮޕްގައި އަދި ސްކޮޓްލޭންޑްގައި ތިން ވަނައަށް އެންމެ ޓޮޕް ޔުނިވާސިޓީ އެވެ. މި ޔުނިވާސިޓީގެ ޕްރޮގްރާމުން 80 ޕަސެންޓް ކުދިން ފާސްވި އެވެ.

މެލޭޝިއާގެ އެސްއީޖީއައި (ސެގީ) ޔުނިވާސިޓީއާ އެކީ ކްލީކް ކޮލެޖުން ޕާޓްނާޝިޕް ހެދީ 2019 ވަނަ އަހަރު އެވެ. މިއީ އެ ގައުމުގައި ހުންނަ ޕްރައިވެޓް ކޮލެޖްތަކުގެ ތެރެއިން އެންމެ ބޮޑު އަދި ފާހަގަކޮށްލެވޭ އެއް ޔުނިވާސިޓީ އެވެ. މި ޕާޓްނާޝިޕްގެ ދަށުން ދަރިވަރުން ކިޔަވާނީ އެ ޔުނިވާސިޓީގެ ކޮންޓެންޓް އަދި ހަމަ އެ ޓައިމްޓޭބަލްއާ އެއްގޮތަށެވެ.

ކޮންފެޑެރޭޝަން އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓޭލިޓީ (ސީޓީއެޗް، ޔޫކޭ) ކްލިކް ކޮލެޖުގައި ތައާރަފްކުރީ 2020 ވަނަ އަހަރު އެވެ. ކްލީކް ކޮލެޖަކީ ސީޓީއެޗްގެ "ގޯލްޑް" ޕާޓްނަރެކެވެ. މި ސްޓޭޓަސް ކްލީކަށް އެވޯޑުކޮށްފައި ވަނީ 200 އަށް ވުރެ ގިނަ އިންސްޓިޓިއުޓްގެ ތެރެއިން ހޮވައިލެވުނު ނުވަ އިންސްޓިއުޓްގެ ތެރެއިންނެވެ.

ކްލީކް ކޮލެޖުން އަންނަނީ ބައި-އެނުއަލް އައިލެންޑް ޓުއާސް (ހޭބޯނާރާ)، ސްޓަޑީ ޓުއާސް، އެޑްވެންޗާ ޓްރިޕްސް، ފުޓްސަލް ޓޯނަމެންޓްސް ފަދަ ތަންތަނަށް ކުދިން ފޮނުވައިގެން އެކުދިންނަށް ތަފާތު ތަޖުރިބާތައް ކުރުމަށް މަގުފަހި ވެސް ކޮށްދެމުންނެވެ.

ކްލީކް ކޮލެޖުން ފާހަގަކުރާ ގޮތުގައި އެ ކޮލެޖަށް ލިބޭ ހުރިހާ ކުރިއެރުމެއްގެ މުގުލުގައި ތިބެނީ ތަނުގެ މުވައްޒަފުންނާއި ދަރިވަރުންނެވެ. ތަޖުރިބާކާރު ލެކްޗަރާއިންނާއި ރައްޓެހި މާހައުލެއްގެ ސަބަބުން ތަނުގެ ކޮލިޓީ ހިފެހެއްޓިފައިވާ ކަމަށް އެ ކޮލެޖުން ގަބޫލު ކުރެ އެވެ. ވޭތުވެދިޔަ 21 އަހަރުގެ ތެރޭގައި ކޮލެޖުން ވަރަށް ގިނަ ހަރުފަތްތައް ކަޑައްތުކޮށް ބޮޑެތި ކުރިއެރުންތައް ވަނީ ހޯދައިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ހޯދާނެ ކަމަށް އެ ކޮލެޖުން ގަބޫލުކުރެ އެވެ.