ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން "އަވަ އޮފް ކޯޑް @ ލެޓްސް ކޯޑް އެމްވީ 2023' ބޭއްވުމަށް ހަމަޖައްސައިފި އެވެ.
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިސެންބަރު މަހު ފާހަގަކުރާ އިންޓަނޭޝަނަލް ކޮމްޕިއުޓާ ސައިންސް އެޑިޔުކޭޝަން ހަފްތާ ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. އެގޮތުން މި ހަރަކާތް މިއަހަރު ރާއްޖޭގައި ކުރިއަށްދާނީ ވަކިން ހާއްސަކޮށް ސްކޫލް ކުދިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެއްބާރުލުމާއެކު އެވެ.
އަވަ އޮފް ކޯޑްގެ އަޒުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 1،000 ދަރިވަރުންނާ ހަމައަށް ވާޗުއަލްކޮށް މި ހަރަކާތް ގެނައުމެވެ.
މިގޮތުން އެކި އުމުރުފުރާތަކަށް ބަހާލައިގެން، ޕްރީ ސްކޫލުން ފެށިގެން ހުރިހާ ތައުލީމީ ލެވެލްގެ ދަރިވަރުނަށްވެސް، އެ ކުދިން ޝައުގުވެރިވާ އެކި ހަރަކާތްތައް ކުރިއަށް ދާނެ އެވެ. މި ހަރަކާތް ތަކުގެ މަގުސަދަކީ ސައިންސާއި ކޯޑިންއަށް ލޯބި ޖައްސައި، މި ދާއިރާއަށް ކުދިން އަހުލުވެރިކުރުމެވެ.
މި އަހަރުގެ "ލެޓްސް ކޯޑް އެމްވީ @ އަވަ އޮފް ކޯޑް"ގެ މައިގަނޑު ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16ވާ ހޮނިހިރު ދުވަހު އެވެ. އަދި މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮގްރާމްގެ އެކި ފިޒިކަލް ސެޝަންތައް ކުރިއަށްދާނެ އެވެ.
އަވަ އޮފް ކޯޑްގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުންނަށް ވިމެން އިން ޓެކް މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.
އަމިއްލަ ގޮތުން، ސްކޫލްތައް، ޖަމިއްޔާތައް ނުވަތަ އިންސްޓިޓިއުޓްތައް މެދުވެރިކޮށްވެސް މި ޕްރޮގްރާމްގައި ދަރިވަރުންނަށް ބައިވެރިވެވޭނެ އެވެ. އަދި މި ޕްރޮގްރާމްގައި މެންޓާސްގެ ގޮތުގައި ދިރާގު، ވިމެން އިން ޓެކް މޯލްޑިވްސް އަދި ސްކޫލްތަކުގެ ޓީޗަރުން ހަރަކާތްތެރިވާނެ އެވެ.
މި ޕްރޮގްރާމަކީ އެއްގަޑިއިރު ތެރޭގައި ކޮމްޕިއުޓަ ޕްރޮގްރާމިންއާ ބެހޭ މައުލޫމާތާއި ހަރަކާތްތައް ކުދިންނަށް ތައާރަފްކޮށްދޭ ޕްރޮގްރާމެކެވެ.
ކޯޑް.އޯގްއިން ތައާރަފްކޮށްފައިވާ މި ޕްރޮގްރާމަކީ 180 އަށް ވުރެ ގިނަ ގައުމުތަކުގެ އެތައް މިލިއަން ދަރިވަރުންނާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
ރާއްޖޭގައި ކޯޑް.އޯގްގެ ހަރަކާތްތައް ކުރިއަށް ގެންދާ ބައިނަލްއަގްވާމީ ޕާޓްނަރަކީ ވިމެން އިން ޓެކް މޯލްޑިވްސް އެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ދަނީ ކާމިޔާބުކަމާއެކު މި ހަރަކާތް ރާއްޖޭގައި ކުރިއަށް ގެންދަމުންނެވެ.
އަވަ އޮފް ކޯޑް އަކީ ހުރިހާ އުމުރުފުރައެއްގެ ދަރިވަރުން ކޯޑިންއަށް ތައާރަފްކޮށް ކޮމްޕިއުޓަ ސައިންސަށް ޝައުގުވެރިކަން އުފެއްދުމަށް ވަރަށް ރަނގަޅު ފުރުސަތެކެވެ.
ޅަ އުމުރުގައި ކޮމްޕިއުޓާ ސައިންސް ދަސްކުރަން ފެށުމަކީ 21 ވަނަ ގަރުނުގައި ކޮންމެ ދާއިރާއަކުންވެސް ކުރިއަށް ދިއުމަށް ބިންގާ އެޅިގެންގޮސް، އެކުދިންގެ އުފެއްދުންތެރިކަމާއި މައްސަލަ ހައްލުކުރުމުގެ ގާބިލުކަމާއި ހުނަރުވެސް އިތުރުވެގެންދާނެ ކަމެކެވެ.