އެސްޓާސް

މައިޑިއާ ބްރޭންޑްގެ އުފެއްދުންތަކަށް ހާއްސަ ފިހާރައާއެކު ޕްރޮމޯޝަނެއް

މައިޑިއާ ބްރޭންޑްގެ އުފެއްދުންތަކަށް ހާއްސަ ފުރަތަމަ ފިހާރަ ރާއްޖޭގައި ހުޅުވުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއަދުން ފެށިގެން އަށް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ޝޯރޫމްގައި ފޮރުވާފައިވާ ވައުޗާތައް ހޯދާ ކަސްޓަމަރުންނަށް ވަގުތުން އިނާމު ލިބޭނެ އެވެ.

އެ ގޮތުން ޕްރޮމޯޝަންގެ މުއްދަތުގައި ކޮންމެ ދުވަހަކުވެސް 15 ވައުޗާ ޝޯރޫމްގައި ފޮރުވިފައި އޮންނާނެ ކަމަށާއި ޝޯރޫމް ހެނދުނު ހުޅުވާއިރު ފަސް ވައުޗާ ފޮރުވާފައި އޮންނާނެ ކަމަށް އެސްޓަސް އިން ބުނެ އެވެ. އަދި ބާކީ 10 ވައުޗާ ދުވަހުގެ އެކި ވަގުތުތަކުގައި ޝޯރޫމްގެ އެކި ތަންތަނުގައި ބަހައްޓާނެ ކަމަށް އެސްޓަސް އިން ބުނެ އެވެ.

މައިޑިއާ ޝޯރޫމްގައި ފޮރުވާފައިވާ މި ވައުޗާތައް ހޯދާ ކަސްޓަމަރުންނަށް ހަދިޔާ އާއި މައިޑިއާ ގިފްޓް ވައުޗާ ލިބޭނެ އެވެ.

މި ޝޯރޫމް ހުޅުވުމާ ގުޅޭ ގޮތުން އެސްޓަސްގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން ފިލިޕް ގަސްޓް ވިދާޅުވީ މައިޑިއާގެ އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ކަސްޓަމަރުންނަށް ފޯރުކޮށްދެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

މި ޝޯރޫމްއަކީ ހަމައެކަނި ރީޓެއިލް ޝޯރޫމެއް ނޫން ކަމަށާއި މި ޝޯރޫމް ކަސްޓަމަރުންނަށް އިތުބާރާއެކު އެންމެ-ކޮލިޓީ ތަކެތި ގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައިޑިއާ ބްރޭންޑް އިންސްޕަޔާވެފައިވާ "މައި އައިޑިއާ" ކިޔާއިރު "މައި ޑިޔާ" އާ އެއްގޮތް ކަމެއް ހުންނައިރު މި ބްރޭންޑްގެ އުފެއްދުންތައް އިސްތިހާރުކުރަން ފެށި "ޔެސް، މައި ޑިއާ" ގެ އިސްތިހާރުތަކަކީ ކަސްޓަމަރުންގެ ސަމާލުކަން ހޯދި ކެމްޕޭނެކެވެ.

ދުނިޔޭގެ އެއްވަނަ އެއާ ޓްރީޓްމަންޓް އަދި މޭޖާ އެޕްލަޔަންސްގެ ގޮތުގައި ފާހަގަކުރެވޭ މައިޑިއާގެ އުފެއްދުންތަކުގެ ތެރޭގައި ރެފްރިޖަރޭޓާ، ލޯންޑްރީ، ކެއްކުމަށް ހާއްސަ ބޮޑެތި އެޕްލަޔަންސް ހިމެނެ އެވެ. މީގެ އިތުރުން ބަދިގެއަށް ބޭނުންވާ ކުދި އަދި ބޮޑެތި އެޕްލަޔަންސް، ވޯޓާ އެޕްލަޔަންސް، ފްލޯ ކެއާ، އަދި ލައިޓް ހިމެނެ އެވެ.

މައިޑިއާ އަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

އެގޮތުން މައިޑިއާގެ ޖުމްލަ އާމްދަނީ 50.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު މިއީ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ 500 ކުންފުނީގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.

ދުނިޔޭގެ 200 ގައުމުގައި މައިޑިއާ ބްރޭންޑްގެ އުފެއްދުންތައް ވިއްކާއިރު 16 ގައުމެއްގައި މައިޑިއާގެ އުފެއްދުންތައް އުފައްދާ ޕްރޮޑަކްޝަން ސެންޓަރުތަކާއި ފެކްޓްރީތައް ހުރެ އެވެ. މީގެ އިތުރުން މައިޑިއާގެ އުފެއްދުންތައް އުފެއްދުމަށް ޗައިނާގައި 1،600 ރޮބޮޓް ބޭނުންކުރާއިރު މިކަމުގެ ސަބަބުން 49 ޕަސަންޓް މަސައްކަތް ހިނގަނީ އޮޓޮމެޓިކުންނެވެ.

މީގެ އިތުރުން މައިޑިއާގެ އޭސީއަށް ހާއްސަ 11 ފެކްޓްރީއެއް ހުރެ އެވެ. މި ފެކްޓްރީތައް ހުންނަނީ ޗައިނާ، ވިއެޓްނާމް، އިންޑިއާ، ތައިލެންޑް، މިސްރު، ބްރެޒިލް އަދި އާޖެންޓީނާގަ އެވެ.

މި މަސައްކަތްތަކަށްވެސް 800 އަށްވުރެ ގިނަ އިންޑަސްޓްރިއަލް ރޮބޮޓް ބޭނުންކުރާއިރު 67 މިލިއަން އޭސީ އަހަރެއްގެ މައްޗަށް އުފައްދަ އެވެ. މިއީ ދުވާލަކަށް 180،000 އަށްވުރެ ގިނަ އޭސީ ޔުނިޓް އެވެ.

މައިޑިއާ ޝޯރޫމް ހުންނަނީ "ބޮނޑިބަތް" ޕާކް ކުރިމަތީގައި މަޖީދީ މަގުގައެވެ.