މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ޝިއާ މަރާލި މައްސަލަ ޖެންޑާ މިނިސްޓްރީން ކުށްވެރިކޮށްފި

Aug 7, 2022
1

މާލޭގައި ރޭ އަނިޔާވެރިކޮށް ޒުވާން އަންހެން ކުއްޖަކު މަރާލި މައްސަލަ ޖެންޑާ މިނިސްޓްރީން ކުށްވެރިކޮށްފި އެވެ.

ގައުމީ ބޮޑެތި މައްސަލަތަކުގައި މީޑިއާ އާއި އާންމު ރައްޔިތުންނަށް ޖަވާބުދާރީވުމުގައި އާންމުކޮށްވެސް ޖެންޑާ މިނިސްޓްރީން ލަސްކޮށް ފަސްކުރެ އެވެ. އެގޮތަށް މިނިސްޓްރީން އަމަލުކުރާތީ އާންމުންގެ ފާޑުކިޔުން އަބަދުވެސް އެމިނިސްޓްރީ އަށް އޮވެ އެވެ.

އަނިޔާވެރި މަރެއް ހިނގައިގެން އެންމެން ކަންބޮޑުވެފައި ތިއްބާ ޖެންޑާ މިނިސްޓްރީން މިއަދުވެސް މީޑިއާގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި މިނިސްޓްރީގެ ބަސް އިއްވީ އާންމު މީހުން އަމަލުކުރާ ގޮތަށް ޓްވިޓަރުގަ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ރޭގެ ވަގުތެއްގައި މާލޭގެ ގެއެއްގައި ރަހުމުކުޑަކޮށް އަންހެނަކު މަރާލި ލާއިންސާނީ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ގެވެށި އަނިޔާގެ މިފަދަ އެއްވެސް އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަދި މަރުގެ މިމައްސަލައާ މެދު މިނިސްޓްރީން ކަންބޮޑުވެ، ހިތާމަކުރާ ކަމަށްވެސް ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ކޮންމެ މީހަކީ ވެސް ދިރިހުރުމުގެ ހައްގު ލިބިފައިވާ އަދި ކޮންމެ ނަފްސަކީ ރައްކާތެރިކަން ވެސް ލިބިގެންވާ ނަފްސަކަށްވާން ޖެހޭ ކަމަށެވެ.

"މައްޔިތާގެ ފާފަ ފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި." މިނިސްޓްރީން ބުނެފައިވެ އެވެ.

ޖެންޑާ މިނިސްޓްރީން އިތުރަށް ބުނީ މި ހިތާމަވެރި، އުނދަގޫ ދަނޑިވަޅުގައި އެކަން ތަހައްމަލުކޮށް ހިމޭން ކަމާއެކު ވަގުތު ހޭދަކުރުމަށް އާއިލާއަށް ފުރުސަތު ދިނުމަކީ ކޮންމެ ފަރާތަކުންވެސް މިވަގުތު ކުރުން މުހިއްމު ކަމެއް ކަމުގައި އެ މިނިސްޓްރީން ދެކޭ ކަމަށެވެ.

ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ފ. ނިލަންދޫއަށް ނިސްބަތްވާ ރާއްޖޭގެ އެއް ނަންބަރު ސްކޭޓަރު، އަލީ ޝާހިލް (23 އ) އެވެ. ޝާހިލްގެ ބައްޕަ ނިލަންދޫއަށް ނިސްބަތް ވިޔަސް އޭނާ އެރަށަށް ގޮސް ނުހަދާ ކަމަށް ނިލަންދޫ ކައުންސިލުން ބުނެ އެވެ. ޝާހިލްގެ މަންމަ އަކީ ފުވައްމުލަކަށް ނިސްބަތްވާ މީހެކެވެ.