ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އާލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ގޮތުގައި މިހާތަނަށް ތަހުގީގަށް ފާހަގަކުރެވުނީ 38 މީހުން ކަމަށާއި އޭގެ ތެރޭގައި ވަޒީރަކު ނެތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސީޕީ ހަމީދު ވިދާޅުވީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް ވުރެ ގިނަ ކަމަށް ބަޔަކު ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި މިހާތަނަށް ފާހަގަކުރެވުނީ 38 މީހުން ކަމަށެވެ.
ސީޕީ ވިދާޅުވީ އާލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ގޮތުގައި ސޯޝަލްމީޑިއާގައި އާންމުކޮށްފައިވާ ބައެއް މީހުންގެ މައުލޫމާތަކީ ވެސް ރަނގަޅު މައުލޫމާތު ނޫން ކަމަށެވެ. އެހެންކަމުން ހަގީގަތާ ހިލާފު އެފަދަ މައުލޫމާތު ހާމަނުކުރުމަށްވެސް ސީޕީ އެދިވަޑައިގެންނެވި އެވެ.
"މިހާތަނަށް އަޅުގަނޑުމެންގެ ތަހުގީގުގައި އެއްވެސް ވަޒީރެއްގެ އެފަދަ އެއްވެސް މަންޒަރެއް ފޮޓޯއެއް ނެތް. އެ ޔަގީންކަން ދެން،" ސީޕީ ވިދާޅުވި އެވެ.
އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހަކު ފުރައިގެން ގޮސްފައިވާތީ އެކަމުގައި ސުވާލު ކުރުމުން އެކަން ސީޕީ ދޮގުކުރައްވާފައެއް ނުވެ އެވެ. ހަމީދު ވިދާޅުވީ މިމައްސަލައިގައި ތުހުމަތުކުރެވޭ މީހުން ފާހަގަކުރެވޭ މިންވަރަކު އެ މީހުންނަށް ފިޔަވަޅު އަޅަމުންދާ ކަމަށާއި ހޯދަންޖެހޭ ކޯޓު އަމުރުތައް ވެސް ހޯދަމުންދާ ކަމަށެވެ.
"ފާހަގަކުރެވުނު މީހުން ދެނެގަނެ އެމީހުން ހޯދައި އެ މީހުންނަށް ފިޔަވަޅު އެޅުމުގެ ކަންކަން އެކި މަރުހަލާތަކުގައި ހިނގަމުން އެބަދޭ. އެހެންވެ މިވަގުތު މިތަހުގީގު ސީދާ ނިމެނޭ ދުވަހެއް ބުނާކަށް ނޭނގޭ. މައްސަލަތައް ނިމޭވަރުން ދައުވާކުރަން ޕީޖީއަށް ފޮނުވާނަން،" ހަމީދު ވިދާޅުވި އެވެ.
އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރެއިން ތަހުގީގަށް އެއީ ކޮން ބައެއް ކަން ޔަގީންކުރެވޭ 18 މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން އިއްޔެ ހާމަކޮށްފައިވެ އެވެ.
އަަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުން ދެނެގަނެވޭ ވަރަކުން ފުލުހުން ގެންދަނީ އެމީހުން މަސައްކަތް ކުރާ އިދާރާތަކަށް އެ މައުލޫމާތު ހިއްސާކުރަމުންނެވެ. އެގޮތަށް ފުލުހުން ހިއްސާ ކުރާ މައުލޫމާތަށް ބުރަވެ އިދާރާތަކުން މިހާރު ވަނީ ބައެއް މުވައްޒަފުން ސަސްޕެންޑްކޮށް އަދި ބައެއް މީހުން ވަޒީފާތަކުން ވެސް ވަކިކޮށްފަ އެވެ.
އަލަމްގީރާ އެކު ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ މީހުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އޮފިސަރަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ.
މިދިޔަ މަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ އަލަމްގިރި ވަނީ ރާއްޖޭގެ ސިޔާސީ ބޭފުުޅުންނާއި ބައެއް ވިޔަފާރިވެރިންނާއި ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ އިތުރުން އެ މަންޒަރުތައް ވީޑިއޯ ވެސް ކޮށްފަ އެވެ. އެހެންވެ އަލަމްގިރީގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކުރެ އެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލް ކުރުމުގެ މައްސަލަ އާއި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތެވެ.