ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނެވޭނެ ގޮތެއް މިވަގުތު ނެތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވުމުން އަލީ ވަހީދު އެކަމަށް ރައްދުދެއްވައިފި އެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ އަލީ ވަހީދު ރާއްޖެ ގެނައުމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ސީޕީ ހަމީދު ވިދާޅުވީ އަލީ ވަހީދު ރާއްޖެ ގެނައުމަށްޓަކައި ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު އަލީ ވަހީދު ރާއްޖެ ގެނައުމަށް ކުރާ މަސައްކަތް "އެކްޓިވޭޓް" ކުރެވޭނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރުމުން ކަމަށް ވިދާޅުވި އެވެ.
އެފަދަ އަމުރެއް ކޯޓުން ނެރެފައި ނުވާތީ އަލީ ވަހީދު ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން އަލީ ވަހީދު ރާއްޖެ ނުގެނެވޭނެތީވެ ރެޑް ނޯޓިސް ނެރުމަށް ފުލުހުން މަސައްކަތް ކޮށްފައި ނުވާނެ ކަމުގައިވެސް ސީޕީ ހަމީދު ވިދާޅުވި އެވެ. އެކި ގައުމުތަކުގައި ގާނޫނީ އިޖުރައާތްތައް ހިނގަނީ އެކި ގޮތްގޮތަށް ކަމަށާއި ރެޑް ނޯޓިސް ނެރުމަށްވެސް އަމަލުކުރަން ޖެހޭ އިޖުރައާތްތަކެއް ހުންނަކަން ސީޕީ ފާހަގަކުރެއްވި އެވެ.
"އިންޓަޕޯލް ރެޑް ނޯޓިސް ނެރޭ ހިސާބަކުން މީހަކު ހައްޔަރުކޮށްގެންނެއް އަޅުގަނޑުމެންގެ ޖުރިސްޓިކް ތެރެއަކަށް ނުގެނެވޭނެ. ގެނައުމަށް ޕްރޮސެސްތަކެއް ހުންނާނެ،" ސީޕީ ވިދާޅުވި އެވެ.
ކޮމިޝަނާ ހަމީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަލީ ވަހީދު މިރޭ ވިދާޅުވީ އޭނާ ރާއްޖެ ގެންދެވޭނެ ކަމަށާއި ސައްހަ ތަހުގީގާއި ސައްހަ ދައުވާ ކުރުމުން ކޮންމެ ގައުމަކުންވެސް އެ މައްސަލައެއް ބަލާނެ ކަމަށެވެ.
"ނަމަވެސް ފްރޭމްކޮށް، ކުރެވޭ ތުހުމަތެއް، ކުރި ކުށެއް ކޯޓުގައިވެސް ޕީޖީއަށް ބުނެނުދެވެންޏާ ދުނިޔޭގެ ސިސްޓަމް ތަކުގައި ބޭނުންހާ އެއްޗެއް ނުހެދޭނެ. އިރާދަފުޅުން އިންސާފު ހޯދާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރަ ކުރުމުގެ ދައުވާތަކަށް ނިޒާމުގެ ތެރެއިން ޖަވާބުދާރީވާން ތައްޔާރަށް ހުންނެވި ކަމަށެވެ.
"އިނގިރޭސިވިލާތުގެ ކޯޓުތައް ހުރީ ހުޅުވިފަ. ރައީސް އޮފީހުން ގުޅާލާފަ، ޖޭއެސްސީ އިން ގަޅުވާލާފަ މިތަނުގައި ފަނޑިޔާރުގެއަކާ ނުކުޅެވޭނެ. އަވަހަށް ވަޑައިގަންނަވާ. އަޅުގަނޑު މިހުރީ ނިޒާމުގެ ތެރެއިން ޖަވާބުދާރީވާން ތައްޔާރަށް. ކުޅިކުޅިވަރު ކުޅޭކަށް ފުރުސަތެއް ނުދޭނަން. އެނބުރި އަންނާނަން،" އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.
ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް މީގެކުރިން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ވެސް ކޯޓުގައި އެދިފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވެސް އަދި ހައިކޯޓުން ވެސް އެފަދަ އަމުރެއް ނެރެދީފައެއް ނުވެ އެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި ތާވަލްކޮށް އޭނާ ކޯޓަށް ހާޒިރުވާން އެންގުމުން ކޯޓަށް ހާޒިރުވެފައި ނުވާތީ ސުޕްރީމް ކޯޓުން ވަނީ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށްވެސް ހުކުމްކޮށްފަ އެވެ.