ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރިޓަޔާ ކުރެއްވުމަށް ނިންމަވައިފި އެވެ.
ހަމީދު މިކަން ހާމަކުރެއްވީ ފުލުހުންގެ އިސްވެރިން ހިމެނޭ ސޯޝަލްމީޑިއާގެ ގުރޫޕަކަށް ފޮނުއްވި މެސެޖެއް ގައެވެ.
ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ފުލުހުންގެ ޗީފް ސްޕްރިންޓެންޑެންޓެއްގެ ހައިސިއްޔަތުން ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ ގޮތުގައި ހުންނަވަނިކޮށް އޮގަސްޓް 2012ގައި ފުލުހުންގެ ވަޒީފާ އިން ހަމީދު ވަކިކޮށްފައިވެ އެވެ. އޭނާއަށް އޭރު ތުހުމަތުކުރީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކުރި ކަމަށެވެ.
ވަޒީފާ އިން ވަކިކުރި މައްސަލައިގައި ކޯޓަށް ވަޑައިގެން ސިވިލް ކޯޓާއި ސުޕްރީމް ކޯޓުގައި މައްސަލަ ކާމިޔާބުކުރި ނަމަވެސް ހައިކޯޓުން އޭރު ހުކުމް ކުރީ ހަމީދު ވަޒީފާ އިން ވަކިކުރީ ރަނގަޅަށް ކަމަށެވެ. ހަމީދު ވަޒީފާ އިން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ޑިސެމްބަރު 2، 2018 ގައި ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެން އޭނާއަށް ފުލުހުންގެ ވަޒީފާ އަލުން ދިނީ ޑިސެމްބަރު 4، 2018 ގައެވެ. އަލުން އޭނާ އައްޔަންކުރެއްވީވެސް ފުލުހުންގެ އިންޓެލިޖެންސް ވެރިޔަކަށެވެ.
ހަމީދުގެ ޅިޔަނު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގެ ޒިންމާ ވަގުތީގޮތުން ހަމީދުއާ ހަވާލުކުރެއްވީ ޑިސެމްބަރު 12، 2018 ގައެވެ. ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ރަސްމީކޮށް ހަމީދު އައްޔަންކުރެއްވީ މާޗް 26، 2019 ގައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވީ ހަމީދު އެވެ.
ހަމީދު ރިޓަޔާ ކުރެއްވުމަށް ނިންމަވާ ފޮނުއްވި މެސެޖުގައި ވަނީ ދެވަނަ ފަހަރަށް ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެން މުއައްސަސާގެ ތަރައްގީއަށް ކުރެއްވި ކަންކަން ފާހަގަކުރައްވާ އެ މަސައްކަތުގައި ފުލުހުންގެ އިސްވެރިންނާއި ހުރިހާ ފުލުހުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރިޓަޔާ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި އެކަން ކުރައްވާނެ ތާރީހެއް ކަަމަށް ބެލެވެނީ ކުރިއަށް އޮތް ނޮވެމްބަރު 11 ވަނަަ ދުވަސް ކަމަށްވެސް ވިދާޅުވި އެވެ.
ހަމީދުގެ މެސެޖުގައި ވިދާޅުވީ އޭނާއަކީ ކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާ އަދި ޕްރޮފެޝަނަލް މިންގަނޑުން އަމަލުކުރައްވާ ބޭފުޅަކަށް ވާތީ އޭނާއާ މެދު ބައެއް ބޭފުޅުން ގޯސްކޮށް ދެކޭ ކަމަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
އުމުރު 17 ވަރަކަށް އަހަރުގައި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވި ހަމީދު ވިދާޅުވި ގޮތުގައި އޭނާ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު މުއައްސަސާގެ ނަން އޮތީ ކިލަނބުވެފަ އެވެ. އެހެންވެ ފުލުހުންގެ ސަފުތައް އަލުން ބަދަހިކުރެއްވުމަށާއި މުއައްސަސާގެ ކުރިމަގަށްޓަކައި އޭނާ މަސައްކަތްކުރެއްވީ އަމިއްލަ ވިސްނުންތަކާއި ހިޔާލުތައް އެއްފަރާތްކޮށްގެން ކަމުގައިވެސް ވިދާޅުވި އެވެ.
ހަމީދު އިތުރަށް ވިދާޅުވީ ފުލުހުންނާ މެދު ރައްޔިތުން ކުރާ އުއްމީދުތަކެއް އަދިވެސް ހުރުމާ އެކު ފުލުހުން ކުރަންޖެހޭ އިތުރު ކަންތައްތަކެއް އަދިވެސް އެބަހުރި ކަމަށެވެ. އެހެންކަމުން އޭނާގެ ތަޖުރިބާތައް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހިއްސާކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
ހަމީދުގެ މެސެޖާ ގުޅިގެން ބައެއް ކަންކަން އިތުރަށް ސާފުކޮށްލުމަށް އަވަސް އިން ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައެއްް ނުވެ އެވެ. ނަމަވެސް ފަހުން ގުޅުއްވާނެ ކަމަށް ވިދާޅުވެ މެސެޖެއް ކުރެއްވި އެވެ.