މުހައްމަދު ހަމީދު

ވިސްނުމަކީ ޖީލުތަކަށް ދެމިގެންދާ ރައްކާތެރިކަމެއް ހޯދުން: ސީޕީ

May 12, 2022
2

ފުލުހުންގެ މިހާރުގެ ވިސްނުމާއި އަމާޒަކީ ޖީލުތަކަށް ދެމިގެންދާނެ ރައްކާތެރި މުޖުމައެއް ބިނާކުރުމަށް ފުލުހުންގެ މަސައްކަތް ތަރައްގީކުރުން ކަމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ވައިކަރަދޫ ޕޮލިސް ޕޯސްޓް ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ފުލުހުން ރަށްރަށުގައި ގާއިމުކުރުން އެއީ މުހިންމު ކަމަކަށްވީ ނަމަވެސް އެންމެ މުހިއްމީ އެ ރަށެއްގެ މުޖުތަމައަށް ރަނގަޅު ފެންވަރެއްގައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފުލުހުންގެ ހިދުމަތް ލިބުން ކަމަށެވެ.

"ވައިކަރަދޫއަށް ކުރިމަތިވެފައިވާ ކުށުގެ ކަންކަމާއި އިޖުތިމާއީ މައްސަލަތަކަށް އިޖާބަދީ އެކަންކަމަށް ފިޔަވަޅު އަޅައި ހައްލު ހޯދުމަށް އަބަދުވެސް ފުލުހުން މަސައްކަތްކުރުން އެއީވެސް މުހިއްމު ކަމެއް. ވައިކަރަދޫގައިވެސް އަވައްޓެރި ފުލުހުންގެ ހިދުމަތް ކުރިއަށް ގެންގޮސް ކުށްމަދު އަމާން މާހައުލަކަށް ހެދުމަށްޓަކައި ރަށުގެ މުވައްސަސާތަކާ ގުޅިގެން މަސައްކަތްކުރުން އެއީ އެންމެ އިސްކަންދޭ ކަންކަން،" ސީޕީ ވިދާޅުވި އެވެ.

ކޮމިޝަނާ ވިދާޅުވީ ދިވެހި ވެށީގައި ކުށްކުރުން ފުޅާވަމުން އަންނަ މިންވަރާއި ކުށްތަކުގެ ނުރައްކާތެރިކަން ބޮޑުވުމާއި ތަހުޒީބު ޓެކްނޮލޮޖީ މެދުވެރިކޮށް ކުށަށް އަރައިގަތުން އެއީ މިއަދު އެންމެންވެސް އަޑުއަހަމުން ގެންދާ ވާހަކަތަކެއް ކަމަށެވެ.

މަސްތުވާތަކެތި އެކި ރަށްރަށަށް އެތެރެކޮށް ވިއްކާ ޒުވާނުން އޭގެ އަވައިގައި ޖެއްސުމާއި، އެއަށް ދެވި ހިފުމުން ރައްޔިތުންނަށް އާންމު އުދަނގޫ ކުރުމާއި، ވައްކަން ކުރުމާއި، ފޭރުމާއި، އިންޓަނެޓް އަދި ފޯނުގެ ޒަރިއްޔާއިން މަކަރާއި ހީލަތުގެ އުކުޅުތައް ބޭނުންކޮށްގެން ފައިސާ ފޭރުން ދިވެހި މުޖުތަމައުގައި މިއަދު އާންމުވަމުންދާ ކަމަށްވެސް ސީޕީ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން އަނިޔާވެރި އަމަލުތަކާއި، ދީނާއި ދެކޮޅުވެރި އަމަލުތައް ހިންގުމާއި، ދީނާ ގުޅުވައިގެން ހަރުކަށި ފިކުރުގެ އަމަލާ ބަސްމަގުގެ ތެރެއިން ނުރައްކާތެރިކަން ފެތުރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އެއީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ހުރި ކަންބޮޑުވާ ބޮޑެތި މައްސަލަތައް ކަމުގައިވެސް ސީޕީ ވިދާޅުވި އެވެ.

ކޮމިޝަނާ ވިދާޅުވީ އެފަދަ ކުށްތަކުން ރައްޔިތުން ރައްކާތެރިކުރުމަށް ފުލުހުން ހުށިޔާރުކަމާއެކު އިތުރަށް މަސައްކަތްކުރުމަށް އަތުކުރި އޮޅާލައި އެ މަސައްކަތަކީ އަބަދުވެސް ކުރިއަށް ގެންދަންޖެހޭ މަސައްކަތެއް ކަމަށެވެ. އަދި އެ މައްސަލަތަކަކީ ހަމައެކަނި ބައިބޯ ނުވަތަ މީހުން ގިނަ ސަރަހައްދުތަކަށް ހާއްސަ ކަންތައްތަކެއް ނޫން ކަމަށާއި އެއީ ހުރިހާ ހިސާބެއްގައިވެސް ހިނގަމުންދާ ކުށްތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.

"މިއަދު ފުލުހުންގެ ވިސްނުމަކީ ނުވަތަ އަމާޒަކީ ޖީލުތަކަށް ދެމިގެންދާނެ ރައްކާތެރި މުޖުމައުއެއް ބިނާކުރުމަށް ފުލުހުންގެ މަސައްކަތް ތަރައްގީކުރުން،" ކޮމިޝަނާ ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ކޮންމެ ރަށެއްގައި ފުލުހުން ތަރުތީބުވެ އަތޮޅުތަކާއި ސަރަހައްދުތަކުގައި ފުލުހުން ބެހިގެން ގޮސް ފުލުހުންގެ މުއައްސަސާ އެކަތިގަނޑެއްގެ ގޮތުގައި ބައްޓަންކުރުމަކީ 21 ވަނަ ގަރުނުގެ ތެރޭގައި ރައްޔިތުންނަށް ދެވޭ ހިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަވައްޓެރި ފުލުހުންގެ ގޮތުގައި ފުލުހުންގެ ހިދުމަތް ފުޅާކުރަމުންދާއިރު ފުލުހުންގެ މަސައްކަތަށް ބޮޑެތި ބަދަލުތަކެއް ގެނެވި ރައްޔިތުންނާ އެކުގައި މި ހިދުމަތް ދިނުމަކީ ދިވެހިންނަށް ލިބިގެންދާނެ އެންމެ ބޮޑު އެއް ހިތްހަމަޖެހުން ކަމުގައި ވިދާޅުވި އެވެ.

"ދުނިޔޭގައި ޖެހެމުންދާ ތަފާތު އޮއިވަރުތަކުގެ ތެރެއިން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ބައެއް ކަހަލަ ކުށްތައް ރަށްތަކަށް ފެތުރިގެން ގޮސްފައިވުމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެއް." އިމްރާން ވިދާޅުވި އެވެ.