ރައީސް މުހައްމަދު ނަޝީދު

"ހަސަން ކުރުސީ" ޓްވިޓާ އެކައުންޓްގެ މައްސަލަގައި ނަޝީދު ފުލުހަށް

"ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުގެ ވެރިފަރާތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންނަށް ހުށަހަޅައިފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއަށް އެޑްރެސް ކުރައްވާ ރައީސް ނަޝީދު ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވެފައިވަނީ "ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓްގެ ސަބަބުން ބައެއް މީހުންނަށް އޮޅުން އަރާފައިވާ ކަމަށެވެ.

"ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކީ އަޅުގަޑުގެ އެކައުންޓެއް ކަމަށް ބައެއް ފަރާތް ތަކަށް ހީކުރެވި އެތަކެއް އޮޅުން އަރާ އެކަމުގެ ސަބަބުން އަޅުގަޑަށް އިންތިހާއަށް ގެއްލުން ލިބެމުން އެބަދޭ،" ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އެ ޓްވިޓާ އެކައުންޓްގެ އަސްލު ފުލުހުން ހޯއްދަވާ ދެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

"ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކީ ޓްވިޓާއިން ވެރިފައިކޮށްފައިވާ އެކައުންޓެކެވެ.

އެ އެކައުންޓުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ބައެއް ވަޒީރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ފާޑުކިޔާ ޓްވީޓުކުރެ އެވެ.