އިންޓަނެޓާ ގުޅިފައިވާ ވަސީލަތްތަކުގެ ތެރެއިން ކުށްކުރުން އިތުރުވެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ސީޕީ ހަމީދު މިހެން ވިދާޅުވީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި "އިންސްޕެކްޓާ ކޯސް"ގެ ނަމުގައި ހިންގި ފުރަތަމަ އިންހައުސް ޓްރެއިނިން ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އައްޑޫގައި އޮތް މިރަސްމިއްޔާތުގައި ސީޕީ ހަމީދު ވިދާޅުވީ އިންޓަނެޓާ ގުޅިފައިވާ ވަސީލަތްތަކުގެ ތެރެއިން ކުށްކުރުން މިހާރު އިތުރުކޮށްފައިވާތީ އެކަމުގެ ސަބަބުން ނިކުންނަ އިޖުތިމާއީ އެތައް މައްސަލައެއް ހައްލުކުރުމުގައި ފުލުހުންގެ ދައުރު މިހާރަށް ވުރެ ފުޅާކުރަންޖެހިފައިވާ ކަމަށެވެ. ފުލުހުންގެ މަސައްކަތް ހިންގާ މާހައުލަށް އަންނަ ތަފާތުތަކުގެ ސަބަބުން އެ ބަދަލުތަކާ އެއްހަމަކޮށް ބަދަލުތަކަށް އަށަގަނެ ހިދުމަތް ދިނުން ތަރައްގީވާން ޖެހޭ ކަމުގައި ވިދާޅުވި އެވެ.
"ޓެކްނޮލޮޖިކަލް، އިޖުތިމާއީ، ތިމާވެއްޓަށް އަންނަމުންދާ ހަލުވި ބަދަލުތަކާ އެކު ކުށުގެ މާހައުލު އަދި ރައްޔިތުންގެ ރައްކާތެރިކަމަށް ކުރިއާ ތަފާތު ގޮންޖެހުންތައް މެދުވެރިވޭ. އެހެންކަމުން ގޮންޖެހުންތަކުން އަރައިގަނެ، ފުލުހުން ގާއިމުވެ ތިބޭ މަގުސަދު ހާސިލުކުރަން ކުރާ މަސައްކަތުގައި ރައްޔިތުންގެ އިތުބާރާއި ޔަގީންކަމާ އަދި ފުލުހުންގެ މަސައްކަތަށް ރައްޔިތުންގެ އެއްބާރުލުން ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އަދިވެސް ފުލުހުން ކުރަންޖެހޭ،" ސީޕީ ވިދާޅުވި އެވެ.
ކޮމިޝަނާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަން ނެތް ފަރާތްތަކާއި ފުލުހުން ކުރަންޖެހޭ މުއާމަލާތްތައް އިތުރުވަމުންދާތީ އެކަމަށް ފުލުހުން އަހުލުވެރިވެ ކަމާ ގުޅޭ ހުނަރުތައް ހޯދުމަށާއި މަސައްކަތުގެ އޮނިގަނޑު ހަރުދަނާކުރުމަށް ފުލުހުންގެ ތެރެއިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. މިއަދު ފެންނަމުންދާ އިޖުތިމާއީ ގިނަ މައްސަލަތައް ހައްލުކުރުމަށް ފުލުހުންގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ރައްޔިތުން ދެކޭތީ ފުލުހުންގެ ހިދުމަތަކީ ރައްޔިތުން އެދޭ ފަދަ ހިދުމަތަކަށް ހަދަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. ފުލުހުންގެ އިންސްޕެކްޓާ ކޯހަށް ބޮޑު އަހަންމިއްޔަތު ކަމެށް ދެވެނީ އެ ސަބަބާ ގުޅިގެން ކަމުގައިވެސް ވިދާޅުވި އެވެ.
މިކަންކަމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނައި ފުލުހުންގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ހިންގުމުގެ އޮނިގަނޑާއި ވައްޓަފާޅިއަށް އަދި ވަކިން ހާއްސަކޮށް އުޅުން ރަނގަޅުކޮށްގެން ކުރިއަށް ދިއުމަށް ހުރިހާ ފުލުހުންނަށް ސީޕީ އިލްތިމާސް ކުރެއްވެވި އެވެ. ފުލުހުންގެ ހިދުމަތުގައި ހިމެނޭ ހުރިހާ ދާއިރާތަކުގެ މަސައްކަތްތައް ގާތުން ބަލައި މެނޭޖްކޮށް ސުޕަވައިޒްކުރާ ފަރާތްތައް އެއް ވިސްނުމަކުން މިއަދު ކުރިއަށްދާން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
"ފުލުހުންގެ ހިދުމަތުގެ ކޯ މިޝަން ހާސިލުކުރުމަށް ޝައުގުވެރިކަމާއި ޖޯޝާ އެކުގައި މަސައްކަތްތަކެއް ކުރަންޖެހޭ. އުއްމީދަކީ މި މަގުން މަސައްކަތްތައް ކުރިއަށް ގެންގޮސް ފުލުހުންގެ ހިދުމަތުގައި ތިބި، މި ކޯހުގެ ދަސްވެނިން ފަދަ ހިދުމަތްދާރު އަދި ތަޖުރިބާކާރު އޮފިސަރުން ކުރިއެރުން ހޯދައި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް ސާބިތުކަމާއެކީ މަސައްކަތްކުރަމުން ގެންދިއުން،" ސީޕީ ވިދާޅުވި އެވެ.