ހޮލީވުޑް

އިތުރު މައްސަލައެއް ފެންމަތިވެ އެޒްރާ ކޯޓަށް ހާޒިރުކުރަނީ

Aug 11, 2022

ޑީސީގެ ޖަސްޓިސް ލީގްގެ ފިލްމުތަކުގައި އަދި ޑީސީއީޔޫގައި "ފްލޭޝް"ގެ ރޯލް އަދާކުރަމުންދާ އެޒްރާ މިލާ އަކީ އަހްލާގީ އަދި ޣައިރު ގާނޫނީ މައްސަލަތަކަށް އައު ތަރިއެއް ނޫނެވެ.

އާންމުކޮށް ނޫސްތަކުން ފެންނަނީ އެޒްރާ ކޮންމެވެސް "ބޮޑު މައްސަލަގަނޑެއް"ގައި އުޅޭ ވާހަކަތަކެވެ.

އެޒްރާއަށް ތުހުމަތުކުރެވޭ އަދި ގާނޫނީ ގޮޅިއަށް ފެތިފައި ހުރި މައްސަލަތަކުގެ ތެރޭގައި މާރާމާރީ ހިންގުން، އަންހެނެއްގެ ކަރުގައި ހިފުން، ފުރައްސާރަ ކުރުން، ހަމަނުޖެހުން ހިންގުން، ގަވާއިދާ ހިލާފަށް މެރުއާނާ އިންދުން، ކުޑަކުދިންނާ ދެކޮޅަށް ނުރައްކާތެރި އަމަލު ހިންގުން ހިމެނެ އެވެ. އަދި އެންމެ ފަހުން ގެއަކުން ބަނގުރާ ވަގަށް ނަގަނިކޮށް އެ މަންޒަރު ރެކޯޑްވެސް ވެފައި އެބަހުއްޓެވެ.

ބަނގުރަލުގެ ވައްކަމާ ގުޅިގެން ވަރމައުންޓް ޕޮލިސް ޑިޕާޓްމަންޓުން ވަނީ އެޒްރާއަށް ދައުވާކޮށް، ކުރިއަށް ސެޕްޓެމްބަރު 26 ވަނަ ދުވަހު ކޯޓަށް ހާޒިރުވުމަށް ވެސް އަންގާފަ އެވެ.

މީގެ ކުރިންވެސް ހަވާއީގެ ކަރައޯކޭ ބާ އެއްގައި މާރާމާރީ ހިންގައިގެން އެޒްރާ ވަނީ 500 ޑޮލަރުން ޖޫރިމަނާވެސް ކޮށްފަ އެވެ.

އެޒްރާގެ ގިނަ އަހްލާގީ މައްސަލަތަކަކާ އެކުގައިވެސް އޭނާ ފްލޭޝްގެ ރޯލުން ވޯނަރ ބްރަދަސްއިން ވަކި ނުކުރާތީ، އެކަމާ ގިނަ މީހުން ތަފާތު ސުވާލުތައް އުފައްދަ އެވެ.