ހޮލީވުޑް

ފިލްމީ ތަރި ޑޭމް އޮލީވިއާ މަރުވެއްޖެ

Aug 11, 2022

ފިލްމީ ތަރި ޑޭމް އޮލީވިއާ މަރުވެއްޖެ އެވެ.

އުމުރުން 73 އަހަރުގައި ޑޭމް އޮލީވިއާ މަރުވީ ކެންސަރު ބަލީގައި ގިނަ ދުވަސްތަކަކު ބަލިވެ އުޅުމަށްފަހު އެވެ.

އޮލީވިއާގެ މަރުގެ ހަބަރު އާނާގެ ފިރިމީހާ ޖޯން އީސްޓަލިން އެންމެ ފުރަތަމަ ހާމަކުރީ ސޯޝަލް މީޑިއާގަ އެވެ.

އޮލީވިއާ މީގެ ކުރިންވެސް އުރަމަތީގެ ކެންސަރަށް ދެފަހަރު ފަރުވާ ހޯދާފައިވެ އެވެ. އޮލީވިއާއަށް ތިންވަނަ ފަހަރަށް ކެންސަރު ޖެހުނުއިރު ހަށިގަނޑުގެ ކަށިގަނޑުތަކަށްވެސް ހުރީ ބަލި ފެތުރިފަ އެވެ.

އިނގިރޭސި ވިލާތަށް އުފަން އޮސްޓްރޭލިއާގެ އޮލީވީއާ ނިއުޓަން-ޖޯން ފިލްމުކުޅުމުގެ އިތުރުން ގިނަ އަދަދެއްގެ ލަވަ ކިޔާ އަދި ހަދާފައިވެސްވެ އެވެ.

އޮލީވިއާ ވަނީ ހަތަރު ގްރެމީ އެވޯޑް ވެސް ހާސިލްކޮށްފަ އެވެ. ފިލްމީ ދާއިރާގައި އޮލީވިއާ އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ 1978 ވަނަ އަހަރު ޖޯން ޓްރެވޯލްޓާއާ އެކު އޭނާ ކުޅުނު މިއުޒިކަލް "ގްރީސް" އިންނެވެ.