ހޮލީވުޑް

"ޖުރޭސިކް ވޯލްޑް"ގެ ތަރިންނަށް މުސާރަދިނުމުގައި ޖިންސީ ތަފާތުކުރުން

Aug 18, 2022

"ޖުރޭސިކް ވޯލްޑް"ގެ ފިލްމްތައް ކުޅުމަށް ކްރިސް ޕްރެޓަށް ދިން މުސާރައަށް ވުރެ ބްރީސް ޑެލަސް ހަވާޑްއަށް ދިން މުސާރަ މާބޮޑަށްވެސް ކުޑަކަމަށް އޭނާ ބުނެފި އެވެ.

"އެ ފިލްމްތަކަށް ސޮއިކުރަންޖެހުނީ އެއްފަހަރާ 2014 ގައި... އެއިރު ހޮލީވުޑްގައި ޖިންސީ ފުރައްސާރަ ކުރުން ފެންމަތިވެ މީޓޫ މޫވްމަންޓް ނާދޭ. މުސާރަ ދިނުމުގައި ޖިންސީ ތަފާތުކުރުން މައްސަލަކަށް ނުނެގޭ،" ބްރީސް ޑެލަސް ހަވާޑް ބުންޏެވެ.

ދޮން ނަސްލުގެ ފިރިހެނުންނަށް ލިބޭ މުސާރައާ އެއްފެންވަރުގެ މުސާރައެއް ކަޅު ނަސްލުގެ ތަރިންނަށާއި ދޮން ނަސްލުގެ އަންހެން ތަރިންނަކަށް ނުލިބެ އެވެ.

ބްރީސް ބުނި ގޮތުގައި އޭނާގެ މުސާރައިގެ ވާހަކަ ކޯ-ސްޓަރ ކްރިސް ޕްރެޓް ގާތުގައި ބުނުމުން، ކޮންޓްރެކްޓްގައި ބަޔާން ނުކުރާ އެހެން ކަންތައްތަކަށް ދެ މީހުންނަށްވެސް ލިބެންޖެހޭނީ އެއްވަރެއްގެ އިނާޔަތް ކަމަށް ބުނެ ކްރިސް އެކަމަށް މަސައްކަތްކޮށްދީ، ހޯދައިދިނެވެ.

ކްރިސް ދެ ތަރިންނަށްވެސް އެއްވަރެއްގެ މުސާރަ ދޭންޖެހޭ ކަމަށް ގަބޫލުކުރި ނަމަވެސް ކުރިން ބްރީސް ސޮއި ކޮށްފައިވާ ކޮންޓްރެކްޓް ބަދަލު ކުރެވޭކަށް ނެތެވެ.