ހޮލީވުޑް

އޮޕްރާގެ ރިޓަޔާމެންޓާއެކު 25 އަހަރުގެ ސިއްރެއް

އެމެރިކާގެ މަޝްހޫރު ބްރޯޑްކަސްޓިން ތަރި -- އޮޕްރާ ވިންފްރޭ އަކީ މުޅި ދުނިޔެއަށް މަޝްހޫރޫ ޓީވީ ހުށަހެޅުންތެރިއެކެވެ. އޭނާގެ ޝޯތައް ފޫހިކަމެއް ނެތި ބަލަމުންދާ އޯޑިއެންސެއް ދުނިޔޭގެ އެތައް މިލިއަން މީހުންގެ ތެރޭގައި އެބައޮތެވެ. އެހެންކަމުން މިހާ ނުފޫޒު ގަދަ ފަންނާނެއް ރިޓަޔާ ކުރުން ވެގެންދާނީ ވެސް ގިނަ ބައެއްގެ ސަމާލުކަމަށް އެކަން އަންނާނެ ކަމަކަށެވެ.

އޮޕްރާ ވިންފްރޭ މި ހަފްތާ ރިޓަޔާކުރީ އެކަމަށް ބޭއްވި ހާއްސަ ހަރަކާތެއްގެ ތެރެއިންނެެވެ. މި ހަރަކާތުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނީ އޮޮޕްރާ ވިންފްރޭ ރިޓަޔާކުރިކަން އިއުލާން ކުރުމަކަށް ނޫނެވެ. އޭގެ ބަދަލުގައި މި ހަރަކާތުގައި ވާހަކަދައްކަމުން އޮޕްރާ ވަނީ 65،000 ނިކަމެތިންނަށް އޭނާ ކޮންމެ ދުވަހަކުވެސް އެހީތެރިވަމުންދާ ކަމަށް ބުނެފަ އެވެ. މިއީ ކުރިން އާންމުންނަށް ނޭނގި އޮތް ސިއްރު މައުލޫމާތެކެވެ.

އޮޕްރާ ބުނީ ކޮންމެ ދުވަހަކުވެސް މިހާ ގިނަ އަދަދެއްގެ ބަޔަކަށް އޭނާ އެހީތެރިވަނީ އެ މީހުންގެ ދިރިއުޅުން އުޖާލާކޮށްދެވޭތޯ ކަމަށެވެ.

ޗިކާގޯގެ ސޯލްޖާ ފީލްޑުގައި ބޭއްވި މި ހަރަކާތުގައި ބައިވެރިވި ގިނަ މީހުންނަކީ މި ހަރަކާތުގެ އަސްލު ބޭނުމާއި މަގުސަދު ނޭނގި އެތަނަށް ދިޔަ ބައެކެވެ.

އޮޕްރާ ބުނި ގޮތުގައި އޭނާ ސްޕޮންސާ ކޮށްފައިވާ 65،000 މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާތާ 25 އަހަރުވެއްޖެ އެވެ. މި މީހުންގެ ދިރިއުޅުން ބަދަލުކުރުމަށްޓަކައި މިމީހުންނަށް ކިޔެވުމުގެ ފުރުސަތާއި ސިއްހީ ހިދުމަތްތައް ލިބޭނެ ގޮތް އޮޕްރާ ހަމަޖައްސައިދީފައިވެ އެވެ.

މި ހަރަކާތުގައި ކެމްބްރިޖްގެ ހާވާޑް ޔުނިވާސިޓީގެ ފަސް ޕްރޮފެސަރަކު ސްޓޭޖަށް އަރައި އެމީހުންގެ ދިރިއުޅުން ބަދަލުވެގެން ދިޔަ ގޮތުގެ ވާހަކަ ވަނީ ކިޔާދީފަ އެވެ.

"އޮޕްރާގެ އެހީ ނުލިބުނު ނަމަ މިއަދު އަހަރެމެން ހުންނާނީ މިއަށް ވުރެ ތަފާތު ހާލަތެއްގައި،" ހާވާޑްގެ ޑިސްޓިންގުއިޝްޑް އިކޮނޮމިކްސް ޕްރޮފެސަރު ޑރ. ލީސާ ވަނީ އޮޕްރާގެ ފަރާތުން އޭނާގެ ދިރިއުޅުމަށް ލިބުނު އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކޮށްފަ އެވެ.

އޮޕްރާގެ ރިޓަޔަމެންޓް ކުއްލި ގޮތަކަށް އިއުލާން ކޮށްފައި މިވަނީ މިދިޔަ އަހަރު "ޕީޕަލް" މެގެޒިން އާއި ވާހަކަ ދައްކަމުން ރިޓަޔާވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ބުނެފައި ވަނިކޮށެވެ.