ހޮލީވުޑް

މަރާޔާ ކެރީގެ މަންމައާއި ދައްތަ އެއް ދުވަހެއްގައި މަރުވެއްޖެ

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރާޔާ ކެރީގެ މަންމަ، ޕެޓްރިޝާ ކެރީ އަދި ދައްތަ އެލިސަން ކެރީ އެއް ދުވަހެއްގައި މަރުވެއްޖެ އެވެ.

މަރާޔާ ބުނީ މި ނިމިދިޔަ ހަފްތާ ބަންދުގެ ތެރޭގައި އޭނާގެ މަންމައާއި ދައްތަ މަރުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އޭނާ ވަނީ ހިތްދަތިވެފައި ކަމަށެވެ.

އޭނާގެ މަންމަ މަރުވި ވަކި ސަބަބެއް އެނގިފައި ނުވިޔަސް ދައްތަގެ މަރުވީ ހަށިގަނޑުގެ ގުނަވަންތަކުގައި ހުރި ގިނަ މައްސަލަތަކެއްގެ ސަބަބުން ކަން އެނގިފައިވެ އެވެ.

މަރާޔާ ވަނީ މަންމައާއެކު ހޭދަކުރެވުނު ފަހު ވަގުތުކޮޅަށް ޝުކުރުވެރިވާ ކަމަށް ބުނެފަ އެވެ. އޭނާގެ ދައްތައާ އެކު އޮންނަ ގުޅުން އެހާ ރަނގަޅު ނުވި ނަމަވެސް އޭނާ ވަނީ ދައްތަ މަރުވުމުގެ ސަބަބުން ލިބުނު ހިތާމަވެސް ކިޔައިދީފަ އެވެ.

މަރާޔާ މީގެ ކުރިން ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ލަވަކިޔުމަށް އެންމެ ފުރތަމަ ހިތްވަރުދިން މީހަކީ މަންމަ ކަމަށެވެ. މަރާޔާ ވަނީ އޭނާގެ ދައްތައާއި، ބޭބެ، މޯގަން ކެރީއާ ވާހަކަ ނުދެއްކުމަކީ އޭނާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެންމެ ރައްކާތެރި ގޮތް ކަމަށް ބުނެފަ އެވެ.

މަރާޔާގެ ބައްފަ ވެސް ވަނީ 2002 ވަނަ އަހަރު ކެންސަރު ބަލީގައި މަރުވެފަ އެވެ.