މިއުޒިކް

ލަވަތައް ނެރެނީ ގާނޫނީ މަރުހަލާ ފުރިހަމަކޮށްފައި: ސްކައިރޮކް

ދިވެހި މިއުޒިކް ބޭންޑެއް ކަމަށްވާ "ސްކައިރޮކް" އިން ނެރުމަށް ހަމަޖެހިފައިވާ ފުރަތަމަ އަލްބަމް "ސަމުގާ"ގައި ހިމެނޭ ލަވަތައް ނެރެނީ ގާނޫނީ މަރުހަލާ ފުރިހަމަކޮށްފައި ކަމަށް އެ ބޭންޑުން ބުނެފި އެވެ.

ސްކައިރޮކް އިން މިހެން ބުނެފައި މިވަނީ އެ ބޭންޑުގެ ފުރަތަމަ އަލްބަމްގައި ހިމެނޭ ދެ ލަވައެއް ކަމަށްވާ "ސަމުގާ" އަދި "އިރު" އަކީ ކޮޕީރައިޓް ގާނޫނުގެ ދަށުން ބޮޑުބެރު ގްރޫޕް "ހަރުބީ"ގެ ހައްގެއް ކަމަށް ބުނެ އެ ގްރޫޕުން ނޫސްބަޔާނެއް ނެރެެފައި ވަނިކޮށެވެ.

ހަރުބީގެ ބަޔާނުގައިވާ ގޮތުން އެ ދެ ނަން ވަނީ 2012 ވަނަ އަހަރު ކޮޕީރައިޓް ގާނޫނުގެ ދަށުން "ހަރުބީ" ގްރޫޕުގެ ފައުންޑިން މެމްބަރު ހަސަން އުސްވަތުﷲ އެ ގްރޫޕުގެ ހައްގަަކަށް ހަދާފައި ކަމަށެވެ. އަދި އެ ނަންތައް ބޭނުންކޮށްގެން "ސްކައިރޮކް" އިން ލަަވަތަކެއް ގެނެސްދިނުމަކީ އެ ގްރޫޕުގެ ހައްގަށް އަރައިގަތުން ކަމަށްވާތީ އެ ކަމަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށްވެސް ބުންޏެވެ.

މި މައްސަލައާ ގުޅިގެން ދިވެހި މިއުޒިޝަނެއް ކަމަށްވާ އަބްދުﷲ އީސާފުޅު (އީސަ) ވަނީ އެ ދެ ލަވައަކީ އޭނާ އަމިއްލައަށް ލިޔެފައިވާ ލަވަތަކެއް ކަމަށާއި ގާނޫނުން ހިމާޔަތްކަން ލިބޭނީ އެ ފަރާތުގެ އަސްލީ އުފެއްދުމެއް ކަމަށް ވުމުން ކަމަށް ބުނެ ހަރުބީއަށް ރައްދު ދީފަ އެވެ.

އީސަ ބުނީ ހަރުބީން ގާނޫނީ ގޮތުން ރަނގަޅަށް ކަންކަން ބެލުމެއްނެތި ސްކައިރޮކް ބޭންޑުގެ މަސައްކަތަށް ހަސަދަވެރިވުމަކީ ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ.

ސްކައިރޮކް އިން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ސަމުގާ" އަކީ ކުރިން ވެސް އެކި ފަހަަރު މަތިން ހުށަހަޅާފައިވާ ލަވައެއް ކަމަށާއި "އިރު" އަކީ މި އަލްބަމަށް ހާއްސަކޮށް ހަދާފައިވާ ލަވައެއް ކަމަށެވެ.

ސްކައިރޮކް އިން ވަނީ މިއުިޒިޝަނުންގެ މެދުގައި އެއްވެސް ބައިބައިވުމެއް އުފެދުމަށް އެ ބޭންޑުން ނޭދޭ ކަމަށްވެސް ބުނެފަ އެވެ.