ރާއްޖޭގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ބޭންޑު "ސްކައިރޮކް"ގެ ފުރަތަމަ އަލްބަމް "ސަމުގާ" ނެރެނީ ރާއްޖޭގައި މީގެ ކުރިން ފެނިފައި ނުވާ އީޖާދީ އަދި އުފެއްދުންތެރި ގޮތަކަށެވެ. އެއީ ލަވަތައް ޕާފޯމް ކުރާ ޝޯއަކުންނެވެ. މި އަލްބަމް ރިލީޒް ކުރުމަށް ބާއްވާ ޝޯއާ ބެހޭގޮތުން ބޭންޑުގެ މެމްބަރުން ވަނީ "އަވަސް" އަށް މައުލޫމާތު ހިއްސާކޮށްފަ އެވެ.
2017 ވަނަ އަހަރު އުފެދުނު ސްކައިރޮކް ބޭންޑުގައި ހިމެނޭ ލަވަކިޔާ އިންޝާ އަހްމަދާއި، ވޯކަލްސްއާއި ރިތްމްސްއަށް ހާއްސަ ފައްފު، ކީބޯޑަށް ހާއްސަ ހުސެން، ބޭސް ގިޓަރިސްޓް އިނާން، ލީޑް ގިޓަރިސްޓް ޒަޔާން ފައިސަލް އާއި، ޑްރަމްސް އަދި ޕާކަންސް ކުޅޭ އަހްމަދު ފައިޒާން އަކީ ވެސް އެހާމެ ހުނަރުވެރި ފަންނާނުންނެވެ.
މި ހަ އެކުވެރިން ވަނީ މިރޭ އޮލިމްޕަހުގައި ސްކައިރޮކްގެ ފުރަތަމަ އަލްބަމް ނެރުމަށް ހާއްސަ ޝޯއެއް ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވެފަ އެވެ.
މި ޝޯގައި ސްކައިރޮކް ބޭންޑުގެ ފުރަތަމަ އަލްބަމް "ސަމުގާ"ގައި ހިމެނޭ ހުރިހާ ލަވައެއް އެ ބޭންޑުން ހުށަހަޅައިދޭނެ އެވެ. ލަވަތައް ހުށަހަޅަމުންދާއިރު މުންކޮ ޑިރެކްޓުކޮށްފައިވާ ލަވަތަކާ ގުޅޭ ތިއޭޓާ ޕާފޯމަންސެއް ވެސް ފެނިގެންދާނެ އެވެ.
ބޭންޑުން ބުނީ އަލްބަމްގައި ހުރިހާ ލަވަތަކަކީވެސް ސްކައިރޮކްގެ އަމިއްލަ ލަވަތަކެއް ކަމަށެވެ. މި ލަވަތައް ގުޅިފައިވަނީ "ސައިރެން" އެއްގެ ރުއިމުގެ އަޑުގެ ޖާދޫގައި ޖެހި، އޭނާ ސަލާމަތްކުރަން މަސައްކަތް ކުރުމަށް އުޅޭ ފިރެހެނެއްގެ ހިތާމަވެރި ލޯބީގެ ވާހަކައަކާ ކަމަށް އެ ބޭންޑުން ބުންޏެވެ.
ކޮންމެ ލަވައެއްވެސް އަލްބަމުގެ އެހެން ލަވަތަކާ ގުޅި، މި ވާހަކައަށް ފުރިހަމަ ނިމުމެއް ގެނެސްދޭނެ ގޮތަށް ލަވަތައް ރާވާފައިވެ އެވެ. މިގޮތުން 10 ލަވައެއް މި އަލްބަމްގައި ހިމެނި، ޝޯގައި ޕަފޯމް ކުރާނެ އެވެ.
މި އަލްބަމްގެ ފުރަތަމަ ލަވައަކީ 2018ގައި ސްކައިރޮކް އިން ލިޔުނު "ސަމުގާ" އެވެ. އެއަށްފަހު ބޭންޑުން ވަނީ 2020 އާ ހަމައަށް އިތުރު ތިން ލަވައެއް ހެދުމުގެ މަސައްކަތް ކޮށްފަ އެވެ. ކޮވިޑްގެ ކަރަންޓީނުގެ ވަގުތުގައި ބައެއް ލަވަތައް ރެކޯޑުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްފަހު ކުޑަ ދުވަސްކޮޅަކަށް މަސައްކަތް މަޑުޖައްސާލި އެވެ. އަދި މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި ތިން ލަަވައެއް ވަނީ ރިލީޒްވެސް ކޮށްފަ އެވެ.
މި ލަވަތައް ހުށަހަޅައިދޭ ޝޯއަކީ ތިންކް މޯލްޑިވްސްއާ ބައިވެރިވެގެން އަދި ކްރޮސްރޯޑްސް މޯލްޑިވްސް އިން ސްޕޮންސާ ކޮށްގެން ކުރިއަށް ގެންދާ ޝޯ އެކެވެ.
މި ޝޯގެ ކޮންޓެންޓް ޕާޓްނަރު "އޯކޭނޯ" އަދި އިވެންޓް ޕާޓްނަރު "އިވެންޓް މޯލްޑިވްސް"ގެ އިތުރުން ޝޯގެ ޕާޓްނަރުންނާއި ސްޕޮންސަރުންނަށްވެސް ބޭންޑުގެ މެމްބަރުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.