ރިސޯޓުތަކުން ފޮޓޯގްރާފަރުންގެ ގޮތުގަ އާއި މިއުޒިކީ އެކިއެކި ހަރަކާތްތަކުގައި ބިދޭސީން ޝާމިލް ކުރަމުންދާ ކަމުގެ ޝަކުވާތަކާއި ގުޅިގެން 60 މީހަކު ރާއްޖެއިން ފުރުވާލަން އަންގާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ. އެ މީހުން ރާއްޖެއިން ފޮނުވާލުމަށް އަންގާފައިވަނީ އެމީހުންނާ ގުޅޭ ކަންކަން ބެލުމަށް ފަހު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ ތަފާތު އެކިއެކި ހުއްދައިގެ ދަށުން ރާއްޖެ އެތެރެ ވުމަށްފަހު އެ މީހުންނަށް ދީފައިވާ ހުއްދައިގެ ބޭރުން ބިދޭސީން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށާ އެ ޝަކުވާގެ ތެރެއިން އެންމެ ގިނައީ ރިސޯޓުތަކުން ފޮޓޯގްރާފަރުންގެ ގޮތުގަ އާއި އަދި މިއުޒިކީ އެކިއެކި ހަރަކާތްތަކުގައި ބިދޭސީން ޝާމިލް ކުރަމުންދާ ކަމުގެ ޝަކުވާތައް ކަމަށެވެ.
"ޝަކުވާތަކާއި ގުޅިގެން މި އިދާރާއިން އެ މައްސަލަތައް ބަލާ 60 ފަރާތެއް ރާއްޖެއިން ފުރުވާލުމަށް ވާނީ އަންގާފައި. އަދި މި ދެންނެވި ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯޑަރު ހުޅުވާފައިވާ ގައުމުތަކަށް ނިސްބަތްވާ ބިދޭސީން މިހާރު ވަނީ ފުރާފައި،" އިމިގްރޭޝަނުން ބުންޏެވެ.
ނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ފޮޓޯގްރަފީ އާއި މިއުޒިކީ މަސައްކަތްތައް ކުރުވަމުންދާ ކަަމަށާ އެ ގޮތަށް ވިޔަފާރިތަކުން އަމަލު ކުރަމުން ދިއުމުން ދިވެހި ފަންނާނުންނަށް ލިބޭ ފުރުސަތުތައް ގެއްލި މާލީ ގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ މައުލޫމާތު އެ ފަންނާނުން ހިއްސާ ކުރަމުންދާ ކަމަށެވެ.
އެކަން އެގޮތަށް ކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އިމިގްރޭޝަނުން ވަނީ ދީފައެވެ.