ރާއްޖޭގެ ބޯޑަރު ހުޅުވާލާއި ވީއައިއޭ އޮޕަރޭޝަނަށް ގެނައި ފަހުން، ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ރާއްޖެއަށް 443 ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށް ތިން ދުވަހުގެ ހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އަވަސް އަށް ދިން ފެކްޓް ޝީޓެއްގައި ވާގޮތުގައި މިދިއަ ތިން ދުވަހު މިހާތަނަށް 443 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެއެވެ. އަދި އިމިގްރޭޝަނުން ދަނީ ޓޫރިސްޓުން އައި ގައުމުތަކާއި އިތުރު ތަފުސީލް އެއްކޮށް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހު ފުރަތަމަ ފުރަތަމަ ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެވެ. އޭގެ ފަހުން އެމިރޭޓްސް އާއި ސްރީލަންކަން އެއާލައިންސް ފަދަ އެއާލައިން ތަކުން ވަނީ ރާއްޖެ އަށް ޓޫރިސްޓުން ގޮވައިގެން އައިސްފަ އެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބޯޑަރު ހުޅުވި 15 ވަނަ ދުވަހު ޖުމްލަ 212 މީހުން އައިސްފައި ވެއެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ 104 ޓޫރިސްޓުންނާއި 38 ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރަން އައި 65 މީހުން އަދި އެހެނިހެން ގޮތް ގޮތަށް އައި ފަސް މީހެކެވެ.
ބޯޑަރު ހުޅުވާލުމާއެކު ގަތަރުގެ ވެރިރަށް ދޯހާ އިން އައި ފްލައިޓުން 104 ޓޫރިސްޓުން އައިސްފައިވެ އެވެ. ބޯޑަރު ހުޅުވި ދުވަހު ރާއްޖެ އަށް އައި ފުރަތަމަ މީހާ ނިސްބަތް ވަނީ އެމެރިކާ އަށެވެ. އަދި އެންމެ ގިނަ މީހުން އައިސްފައި ވަނީ ތުރުކީން ނެވެ. އެ ގައުމުން 14 މީހުން އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން އައިސްފައި ވަނީ އެމެރިކާއިންނެވެ. އެ ގައުމުން 12 މީހުން އައިސްފައިވެ އެވެ.
އެ ދުވަހު ހޮލެންޑުން ނުވަ މީހުން އަދި ޖަރުމަނުން އަށް މީހުން އައިސްފައިވެ އެވެ. މީގެ އިތުރުން ސުވިޒަލޭންޑުން ހަތް މީހުން އައިސްފައިވާއިރު، އެހެނިހެން ގައުމުތަކުން 54 މީހަކު އައިސްފައިވެ އެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވުމާލުމާއެކު މި މަހު 10،595 ޓޫރިސްޓުން އަންނާނެ ކަމަށް ގައުމީ ޔުނިވާސިޓީ އިން ހެދި ދިރާސާ އަކުން ވަނީ ދައްކާފަ އެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުގައި މި އަހަރު ބާކީ އޮތް މަސްތަކުގައި ޖުމްލަ އަންނާނެ ކަމަށް ބެލެވެނީ 450،134 މީހުނެވެ.
މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައިވެ ސް އެންމެ ގިނަ ޓޫރިސްޓުން އައި އަހަރެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން ވަނީ އައިސްފައި ވެއެވެ.