ދިވެހި ސިނަމާ

އެއްކާފުގެ "ފަސާދަ" މިއަހަރު ސިނަމާއަށް

އެއްކާފުގެ ފަސާދަ - ޕޯސްޓަރ
0%
0%
0%

އެއްކާފުން ސިނަމާއަށް ފީޗަ ފިލްމެއް ގެނެސްދޭން ތައްޔާރު ވެއްޖެ އެވެ.

"ފަސާދަ"ގެ ނަން ދީފައިވާ މި ފިލްމަކީ މި ފަހުން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެއްކާފުގެ "ހިންތާ" ސީރީޒްގެ ޑައިރެކްޓަރ ރަވީ ފާރޫގު ޑައިރެކްޓްކުރާ ސައިކޮލޮޖިކަލް ތްރިލާ އެކެވެ.

ފަސާދަ އަކީ އެއްކާފް އާއި ރަވީ ފާރޫގުގެ އާރު ކިއުބް ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ފިލްމެކެވެ.

މި ފިލްމުގެ ތަފްސީލް މައުލޫމާތު އަދި ހިއްސާކޮށްފައި ނެތް ނަމަވެސް މި ފިލްމްގެ ޓައިޓްލް އެއްކާފް ސްޓޫޑިއޯގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިއަދު ވަނީ ލޯންޗްކޮށްފަ އެވެ.

ފަންނުވެރި އަދި ތަފާތު މަސައްކަތްތަކެއް ގެނެސްދެމުން އަންނަ އެއްކާފްގެ ފަސާދައިގެ ޓައިޓްލްއިންވެސް ފެނުނީ އާންމުކޮށް ނުކުންނަ ދިވެހި ފިލްމްތަކާ ތަފާތު ކަންތައްތަކެކެވެ. އެގޮތުން ފިލްމްގެ ޓައިޓްލް ލިޔެފައިވަނީ އަރަބި ބަހުންނެވެ. މިއީ މީގެ ކުރިން ދިވެހި ފިލްމެއްގެ ޓައިޓްލް ފޮންޓްގައި ބޭނުންކުރި އުކުޅެއް ނޫނެވެ. މި ފިލްމްގެ ލީޑު ރޯލުން ފެންނާނީ މޫސާ އަލީފް އެވެ.

އެއްކާފަކީ މީޑިއާނެޓްގެ ވީޑިއޯ ކްލަބަށް ކާމިޔާބު މަސައްކަތްތަކެއް ނެރެދީފައިވާ ސްޓޫޑިއޯ އެކެވެ. އެގޮތުން ވީޑިއޯކްލަބްގެ އެންމެ ފުރަތަމަ އޮރިޖިނަލް ފީޗަ ފިލްމް “މަރްޔަމް” އަކީވެސް އެއްކާފުގެ އުފެއްދުމެކެވެ. އަދި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ގަރީނާ"އަށްފަހު މި އަހަރު އެ ސްޓޫޑިއޯއިން ގެނެސްދިނީ ރާއްޖެއަށް މުޅިން އާ ޖޮންރާއެއް ކަމަށްވާ ކޯޕަރޭޓް ތްރިލާ "ހިންތާ" އެވެ.

ދިހަ އެޕިސޯޑްގެ އެ ސީރީޒް މިދިޔަ ބުރާސްފަތި ދުވަހު ނިންމާލީ ޕްރިމިއާ ކުރިއްސުރެ ވީޑިއޯ ކްލަބްގެ އެންމެ ޓްރެންޑިން ސީރީޒްގެ ގޮތުގައި އޮވެ އެވެ. ފުރަތަމަ ސީޒަން ނިންމާލާފައިވާ ގޮތުން "ހިންތާ"ގެ ދެވަނަ ސީޒަންއެއް ގެނެސްދޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

އެއްކާފުގެ އެހެން އުފެއްދުންތައް ފަދައިން ފަސާދަ އަކީވެސް އަހްމަދު ޒަރީރު ލިޔެފައިވާ ސްކްރީންޕްލޭ އެކެވެ. އަދި މިއީ ރަވީ ފާރޫގް މާސްޓަ ކޮށްފައިވާ ޖޮންރާއެއް ކަމުން މިއީ ތްރިލަ ޖޯންރާއަށް ލޯބި ކުރާ ފަރާތްތަކަށް މިއަހަރު ސިނަމާ އިން ބަލާލަން ލިބޭނެ ތަފާތު ދިވެހި ފިލްމަކަށް ވާނެކަން ޔަގީނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910