މިއުޒިކް

ދިވެއްސަކު އިންޑިއާގެ ސްޓޫޑިއޯއަކަށް ލަވަތަކެއް ކިޔައިދެނީ

ރާއްޖޭގައި މިއުޒިކާއި ސްޕޯޓްސްގެ ދާއިރާގައި ހުނަރުވެރި ފަންނާނެއް ކަމަށްވާ އަހްމަދު އަދުހަމްއަށް އިންޑިއާގެ ސްޓޫޑިއޯއަކަށް ލަވަތަކެއް ކިޔުމަށް ކޮންޓްރެކްޓެއްގައި ސޮއިކޮށްފި އެވެ.

އަދުހަމާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ "ވިންޑިކްޓިވް ރިކޯޑްސް"އާ އެކު އެވެ.

މި ފުރުސަތު އަދުހަމްއަށް ލިބުނީ ޕަންޖާބުގެ ސްޓޫޑިއޯގެ ބަޔަކު ރާއްޖޭގެ ރިސޯޓަކަށް ޗުއްޓީއަށް ގޮސް އުޅެނިކޮށް އެ މީހުން ތިބި ތަނެއްގައި އޭނާ ލަވަ ކިޔުމުން އެ މީހުންނަށް އަދުހަމުގެ ލަވަ ކިޔުން ކަމުގޮސްގެންނެވެ.

އަދުހަމްއާ އެކު ހަދާފައިވާ ކޮންޓްރެކްޓުގައިވާ ގޮތުން ކޮންމެ އަހަރަކު އެނާގެ އަމިއްލަ ނުވަ ލަވަ ރިލީޒް ކުރާނެ އެވެ. އެގޮތުން މި އަހަަރު އޭނާގެ ތިން އިގިރޭސި ލަވައާއި ހަ ހިންދީ ލަވަ ރިލީޒް ކުރާނެ އެވެ.

މި ލަވަތައް ލިޔާނީވެސް އަދި ކޮމްޕޯސް ކުރަނީވެސް އަދުހަމް އެވެ.

ޕަންޖާބު ސްޓޫޑިއޯއާ އެކު އަދުހަމް ކޮށްފައިވާ މަސައްކަތުގެ ތެރެއިން "ހޯޕް"ގެ ނަން ދީފައިވާ ލަވައިގެ ވީޑިއޯވެސް މިހާރު ވަނީ ނެރެފަ އެވެ. މި ލަވައިގައި އިނގިރޭސި ބަހުން ރެޕްކޮށްފައިވާ ބައި ލިޔެ ކިޔާފައިވަނީ އަދުހަމް އެވެ.