އދގެ ސަލާމަތީ މަޖިލީހުގައި އިންޑިއާއަށް ދާއިމީ ގޮނޑިއެއް ހުންނަންޖެހޭނެ ކަމަށާއި އެކަން ނުވެދާ ދިއުމަކީ ނާއިންސާފެއް ކަމުގައި އދގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ނިއުސް ނައިން އިން އިންތިޒާމުކޮށްގެން "ވޯޓް އިންޑިއާ ތިންކްސް ޓުޑޭ"ގެ ނަމުގައި ބޭއްވި ސަމިޓްގެ ދެ އިވެންޓެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އިންޑިއާއަކީ 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮތް ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށެވެ.
"ދުނިޔޭގެ މިފަދަ ބާރުވެރި ގައުމެއްގެ ގޮތުގައި އިންޑިއާ އޮތުމަކީ އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް ލިބެންޖެހޭ ސަަބަބެއް،" ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ -- އެމްޑީޕީގެ ރައީސްގެ ގޮތުގައިވެސް ހުންނެވި ޝާހިދުގެ ވާހަކަފުޅުގައި އިންޑިއާ އިން މިއަދު ބައިނަލްއަގްވާމީ މައިދާނުގައި އަދާކުރާ ދައުރު ފާހަގަކުރައްވާ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައިވެ އެވެ. އެގޮތުން ކޮވިޑް 19ގެ ދުވަސްވަރު އިންޑިއާ އިން އެތައް ގައުމަކަށް ފޯރުކޮށްދީފައިވާ އެހީތެރިކަން ޝާހިދު ފާހަގަކުރައްވާފައިވެ އެވެ.
ޝާހިދު ވަނީ ސަމިޓުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާވެސް ބައްދަލުކުރައްވާފަ އެވެ. ދުނިޔޭގެ މުސްތަގުބަލަށްޓަކައި އިންޑިއާއަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުން ޝާހިދަށް ފެނިވަޑައިގަންނަވާ ހުށަހެޅުންތަކެއްވެސް މޯދީއަށް ހުށަހަޅުއްވާފައިވެ އެވެ.
މި ސަމިޓްގައި މޯދީގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި އެކި ސިނާއަތްތަކުގައި ފާހަގަކުރެވޭ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ސަމިޓަކީ ދުނިޔޭގެ މައްސަލަތަކުގައި އިންޑިއާގެ ދައުރު ފުޅާކުރުމާއި އިންޑިއާގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ގޮތުން ވާހަކަދައްކާ ސަމިޓެކެވެ.