ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާ އާއި ރާއްޖެ ގުޅުން ބަދަހިކުރަން އެމްޑީޕީން ކުރާ މަސައްކަތް ޖައިޝަންކަރަށް ރަނގަޅު

ރާއްޖެއިން އިންޑިއާއާއި އެކު އޮންނަ ގުޅުން ބަދަހިކުރުމަށް އިދިކޮޅު އެމްޑީޕީ އިން ކުރާ މަސައްކަތް އަގުކުރާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

ޖައިޝަންކަރު މިހެން ވިދާޅުވީ އެމްޑީޕީގެ އިސްވެރިންނާ އެކު ރޭ ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްް ގައެެވެ.

މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުގައި އިންޑިއާއިން ރާއްޖެއަށް ދީފައިވާ އެހީތަކާއި އަދި ކުރިއަށް ގެންގޮސްދިން މަޝްރޫއުތައް ފާހަގަކުރައްވާ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ނައިބް ރައީސް ހިސާން ހުސައިނާއި، ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލްއާއި، ޔޫތު ވިންގުގެ ރައީސް ރިފްގާ ޝިހާމާއި، ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއާވުމަން އާމިނަތު ޝައުނާއާއި، ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގާ އަދި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހީމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމަށްފަހު ޝާހިދު މީޑިއާގައި ވިދާޅުވީ މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުން ކުރިން އިިކޮޅުގައި ތިއްބަވައިގެން އިންޑިއާއާ ދެކޮޅަށް ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭނަކީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. ނަމަވެސް އިންޑިއާގެ މުހިއްމު ސަރުކާރުގެ އިސްވެރިންނަށް ވިސްނިވަޑައިގެން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މިހާރު ކުރައްވާ މަސައްކަތްތަކަށްވެސް ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ އެންމެ ކުރީކޮޅު އިންޑިއާއާ އެކު ބަދަހި ގުޅުމެއް ނެތް ނަމަވެސް ދެ ގައުމުގެ ގުޅުން މިހާރު ދަނީ ހަރުދަނާވެ ވަރުގަދަވަމުންނެވެ.