އެމްޑީޕީގެ ނައިބް ރައީސްގެ މަގާމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް ހިސާން ހުސައިން އައްޔަންކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ނައިބް ރައީސްގެ މަގާމު ހުސްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.
އެމްޑީޕީގެ ނައިބް ރައީސްގެ މަގާމަށް ހިސާން އައްޔަންކުރެވޭނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ރުހުން ލިބިގެންނެވެ. އެހެންވެ ހިސާނަށް ގައުމީ މަޖިލީހުގެ މެންބަރުންގެ ރުހުން އޮތްތޯ ބެލުމަށް މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެވެ.
ހިސާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ޝާހިދު މިއަދު ވިދާޅުވީ އެމްޑީޕީގެ ނައިބް ރައީސްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރުކަންވެސް ކުރިން ކުރައްވާފައިވާ ހިސާނަކީ އެމްޑީޕީއަށް މެދުކެނޑުމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާ އަދި މިއަދުވެސް ހިދުމަތުގައި ހުންނެވި ބޭފުޅެއް ކަމަށެވެ.
"ޕާޓީގެ ލީގަލް ޑިރެކްޓަރު އަލްއުސްތާޒާ ހިސާން ހުސައިން އައްޔަން ކުރުމަށް ގަސްތުކޮށް، އެކަމަނާ އެ މާގާމަށް އައްޔަނު ކުރުމަށް ގައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން މިއަދު އަޅުގަނޑު ހުށަހަޅައިފީމެވެ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ އެމްޑީޕީއާއި ޕާޓީގެ މެމްބަރުންނަށް ހިސާން ކޮށްދެއްވާފައިވާ އިޙހްލާސްތެރި ގިނަގުނަ ހިދުމަތްތަކަށް ބަލާއިރު އޭނާ އަކީ މި މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އެމްޑީޕީގެ ލީޑަޝިޕްގައި މިވަގުތު އަންހެން ބޭފުޅުން މަދުކަމާއެކު މި ނިންމުމުގައި އެކަމަށްވެސް އަޅުގަޑު ވިސްނުން ބަހައްޓާފައިވާނެ އެވެ،" ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީގެ ނައިބް ރައީސްގެ މަގާމަށް ހިސާން އައްޔަންކުރަން ތައްޔާރުވަމުންދާއިރު ހިސާންގެ ފިރިކަލުންނަކީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލިމެންްޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް އެވެ.