މިއުޒިކް

ރެސިޑެންސީ ރިސޯޓުން އެދިގެން ޑިޓުންސް ބޭންޑާ ދެކޮޅަށް އަމުރެއް

ޑިޓިއުން ބޭންޑަށް 29،000 ޑޮލަރު ދައްކަން ރެސިޑެންސީ ރިސޯޓްސް މާލެ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރި ހުކުމް، ތަންފީޒު ކުރުން ފަސް ކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

ހައިކޯޓުން ޑިޓިއުން ބޭންޑާ ދެކޮޅަށް މިއަދު މި އަމުރު ނެރުނީ، ރެސިޑެންސީ ރިސޯޓުން އެދިގެންނެވެ. އެއީ ހައިކޯޓުގައި އެ ރިސޯޓުގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާ މައްސަލައާ ގުޅިގެންނެވެ.

މިއީ 2022ގައި ޑިޓިއުން ބޭންޑާއި ރެސިޑެންސީ ރިސޯޓްސް މާލެ ޕްރައިވެޓް ލިމިޓެޑް ދަށުން ހިންގާ ދަ ސެއިންޓް ރޭޖިސް މޯލްޑިވްސް ވޮށްމުލި ރިސޯޓާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅޭ މައްސަލަ އެކެވެ.

ރިސޯޓުން އިސްވެ އެއްބަސްވުން ބާތިލްކުރަން ނިންމުމުން ޑިޓިއުން އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލަ ބަލައި، ސިވިލް ކޯޓުން ކުރި ހުކުމްގައިވަނީ 29،000 ޑޮލަރު ނުވަތަ 447،180 ރުފިޔާ ސެއިންޓް ރޭޖިސް އިން ޑިޓިއުން ބޭންޑަށް ދައްކަން ޖެހޭ ކަމަށެވެ.

ކޯޓުން ހުކުމްކޮށްފައިވާ 29000 ޑޮލަރަކީ ސީދާ ގެއްލުމުގެ ބަދަލުގައި 25،000 ޑޮލަރު އަދި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 4،000 ޑޮލަރެވެ.

މި މައްސަލައިގައި ސެއިންޓް ރޭޖިސް އިން ވެސް ވަނީ ޝަރީއަތުގެ ހަރަދަށް ހިނގި 3،240 ޑޮލަރު ނަގައިދޭން އެދިފަ އެވެ. ނަމަވެސް ޝަރީއަތުން ބުނެފައިވަނީ މި މައްސަލަ ދިމާވާން މެދުވެރިވީ އެ ރިސޯޓުގެ ސަބަބުން ކަމަށެވެ. ޑިޓިއުން ބޭންޑުގެ ފެންވަރާއި ނިސްބަތަށް ބަލާނަމަ ދައުވާ ގުޅިފައިވަނީ އެ ބޭންޑުން ދިރިއުޅުމަށް އާމްދަނީ ހޯދަން ކުރާ މަސައްކަތާ ކަމަށް ވުމުން މި ދައުވާގެ މުހިއްމުކަން އެރިސޯޓަށް ވުރެ ބޮޑަށް އެ ބޭންޑަށް ބޮޑުކަން އެނގެން އޮތުމުން އެކަމަށް ހަރަދުވި 4،000 ޑޮލަރު ރިސޯޓުން ދައްކަން ޖެހޭނެ ކަމަށްވެސް ހުކުމްގައިވެ އެވެ.