ދުނިޔެ

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އިޒރޭލުގައި ޕޯލިއޯ ފެތުރެނީ

ދުނިޔޭގައި ޕޯލިއޯ އަލުން ފެތުރިގެންފާނެ ކަމަށް ބިރު ހީވެއްޖެވެ. މިކަމާ އަދި ބުނާ އެއްޗެއް ނޭނގޭ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. ޚަބަރުތައް ބުނާ ގޮތުން އެމެރިކާ އާއި އިނގިރޭސވިލާތް އަދި އިޒްރޭލުގެ ބައެއް އަވަށްތަކުގައި ޕޯލިއޯ ފެތުރެމުން އަންނަކަން މިހާރު ވަނީ ކަށަވަރު ކުރެވިފަ އެވެ.

ޕޯލިއޯ އަކީ ނުރައްކާތެރި ބައްޔެވެ. ބަލިޖެހޭ ބައެއް ކުދިންގެ ހަނގަނޑުގެ ބައެއް ހިސާބުތަކުން ވާގިދޫވެ ހިނގަން ނުކުޅެދި އަދި ދާއިމަށް އެހީތެރިކަމަށް ބޭނުން ޖައްސަ އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އިޒްރޭލުން ޕޯލިއޯ ފެނިފައި ވާއިރު މިއީ އެތައް ޒަމާނެއް ކުރިން ދުނިޔެއިން ނައްތާލާފައިވާ ބައްޔެކެވެ.

ގައުމުތަކުގައި 20 ވަނަ ގަރުނުގައި ޕޯލިއޯ ފެތުރިގަތްއިރު ސިއްހީ މާހިރުންނާއި ބެލެނިވެރިން ތިބީ ހަދާނެ ގޮތް ހުސްވެފަ އެވެ. އުމުރުން ހަގު ދަރިންނަށް -- އާންމުކޮށް ފަސް އަހަރުން ދަށުގެ ކުދިންނަށް ޕޯލިއޯ ޖެހޭއިރު މާބޮޑު ނިޝާންތަކެއް ގިނަ ފަހަރު ނުފެނެ އެވެ.

އެހެން ނަމަވެސް، ހުން އައުމާއި ހޮޑުލުން ބައެއް ފަހަރު ނިޝާނެއް ގޮތުގައި ބެލެނިވެރިން ތަޖުރިބާކުރި އެވެ. ޕޯލިއޯ ޖެހޭ ގިނަ ކުދިންނަށް ނުރައްކާ ބޮޑުނުވި ނަމަވެސް ބައެއް ކުދިންނަށް ހިނގަން ދަތިވެ އެ ނުކުޅެދުންތެރި ކަމުގައި މުޅި އުމުރު ވަނީ ހޭދަކޮށްފަ އެވެ. ޕޯލިއޯ ޖެހޭ އަދަދަށް ބަލާއިރު ބަލީގައި 10 ޕަސެންޓް ކުދިން މަރުވާކަން ވެސް ދުނިޔެ ވަނީ ތަޖުރިބާކޮށްފަ އެވެ.

ޕޯލިއޯއަށް 1950 ގެ އަހަރު ތަކުގައި ފަރުވާއެއް -- ވެކްސިނެއް އީޖާދު ކުރެވެންދެން މި ބައްޔަށް ފަރުވާއެއް ނެތެވެ. އީޖާދު ކުރެވުނު ވެކްސިނާއެކު ޕޯލިއޯގެ އެންމެ ނުރައްކާތެރި ވައްތަރުތައް މުޅި ދުނިޔެއިން ފޮހެލައި ގައުމުތައް މިހާތަނަށް އޮތީ އަމާންކަމުގަ އެވެ.

ސިއްހީ މާހިރުން ބުނާ ގޮތުން ޕޯލިއޯގެ އަލާމާތްތައް ދޭތެރެ ދޭތެރެއިން ބައެއް ގައުމުތަކުން ފެނެ އެވެ. އެކަމަކު ބިރުގަންނަ ވަރަށް ފެތުރިގަނެފައި ނުވެ އެވެ.

ޕޯލިއޯގެ އަލާމާތްތައް އެގޮތުގައި ފެންނަ ގައުމުތަކުގެ ތެރޭގައި ޕާކިސްތާނާއި އަފްޣާނިސްތާން، މަލާވީ އަދި މޮޒަމްބީކް ހިމެނެ އެވެ. ސިއްހީ މާހިރުން ބޮޑަށް ލަފާކުރަނީ ޕޯލިއޯއަށް މަގުދައްކަނީ ނުތާހިރު ކަމާއި ދަށް ފެންވަރުގެ ދިރިއުޅުން ކަމަށެވެ.