މުހައްމަދު ސައީދު

އިގްތިސާދީ ބަދަލުތަކަށް ދުނިޔޭގެ މާލީ އިދާރާތަކުން ތާއީދު ކުރޭ: މިނިސްޓަރު

Jan 10, 2016
  • ރައީސްގެ އިގްތިސާދީ ވިޝަންއަށް ތައުރީފް ކުރި
  • އެސްއެމްއީގެ ތަރައްގީއަށް ކުރާކަންކަން ފާހަގަ ކުރޭ
  • ވަޒީފާތައް އިތުރުކުރަން އެޅި ފިޔަވަޅުތަކަށް ތާއީދު ކުރޭ

މި ސަރުކާރުން ގެންގުޅޭ އިގްތިސާދީ ސިޔާސަތުތަކަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ތާއީދު ކުރާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާ އަހަރާ އެކު ރާއްޖޭގެ އިގްތިސާދު ރިވިއު ކުރުމަށް މިހާރު ޒިޔާރަތް ކުރަމުން އަންނަ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ވަފުދާ އެކު މިނިސްޓަރު ބޭއްވި ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން "އަވަސް"އާ މިއަދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރާއްޖެއަށް ގިނަ އިންވެސްޓަރުންތަކެއް ގެނައުމަށް ސަރުކާރުން ގެންގުޅޭ މައިގަނޑު ސިޔާސަތުތަކަށް އެ ޖަމާއަތުގެ ތާއީދު ކުރާކަން ހާމަ ކުރެއްވި ކަމަށެވެ. އަދި މީގެ އިތުރަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ވަރަށް ބޮޑަށް ރަނގަޅުކަން އެބޭފުޅުން ހާމަ ކުރެއްވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ޖުމްލަކޮށް ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން އަޅަމުން އަންނަ ފިޔަވަޅުތައް ރަނގަޅުކަން ފާހަގަ ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

"ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން މީގެ ކުރިން ދުވަހަކު ވެސް ނުދޭ ފުރުސަތުތައް އަޅުގަނޑުމެން ދެމުން އެބަ އަންނަން. އެފަދަ ވިޔަފާރިތަކަށް ފައިސާ ލިބޭނެ ފުރުސަތުތައް ވެސް މީގެ ކުރިން ރާއްޖޭގެ ނެތް ވަރަށް އަޅުގަނޑުމެން ފުޅާކުރަމުން އަންނަކަން އެބޭފުޅުން ފާހަގަ ކުރައްވާ. ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންނަށް ހާމަވެގެން މި އަންނަނީ ރައީސް ޔާމީންގެ ސިޔާސަތުތަކަށް ދުނިޔޭގެ މާލީ އިދާރާތަކުގެ ތާއީދު އޮތްކަން. އެބޭފުޅުންގެ ތައުރީފް މި ކަންކަމަށް އޮތްކަން،" މިނިސްޓަރު ވިދާޅުވި އެވެ. 

ސައީދު ވިދާޅުވީ އިގްތިސާދީ ގޮތުން ރައީސް ޔާމީން ގެންގުޅުއްވާ ވިޝަން އެބޭފުޅުންނާ ވަރަށް ތަފްސީލް ކޮށް ހިއްސާ ކުރެއްވި ކަމަށެވެ. އަދި ދިވެހިން ވަޒީފާތަކުގައި ގެންގުޅެން ސަރުކާރުން އަޅާ ފިޔަވަޅުތަކާއި އެކަމަށް ކުރާ މަސައްކަތްތައް އެބޭފުޅުން ޕޮޒިޓިވް ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެފަދަ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދަށް އަންނަމުންދާ ހެޔޮ އަސަރުތައް އައިއެމްއެފް އަށް ބަޔާންކޮށްދިން ކަމަށް ވެސް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ޖުމްލަކޮށް މުޅި އިގްތިސާދާ ބެހޭ ގޮތުން އައިއެމްއެފް އިން އޮޅުން ފިލުއްވަން ބޭނުންވި މައުލޫމާތުތަކުގެ ތަފްސީލް ދެއްވި އެވެ. އަދި އިގްތިސާދީ ހަރުދަނާ ކުރަން ކުރިއަށް އޮތްތަނުގައި އަޅަމުން ގެންދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

"ވަރަށް ފުޅާދާއިރާއެއްގައި އިގްތިސާދާ ގުޅޭ ގޮތުން އަޅުގަނޑުމެން އެބޭފުޅުން އެދުނު މައުލޫމާތުތައް ދީ އެކި ކަންކަމުގައި ހިޔާލު ބަދަލު ކުރެވުނު،"މިނިސްޓަރު ވިދާޅުވި އެވެ.

ވޯލްޑް ބޭންކާއި އައިއެމްއެފް އިން އަހަރަކު ދެ ފަހަރު ރާއްޖޭގެ އިގްތިސާދު ރިވިއުކޮށް އެކި ކަންކަމުގައި ރާއްޖެއަށް ލަފާތައްދެ އެވެ.