ވިޔަފާރި

ރާއްޖޭގައި ޓިކްޓޮކް ކުޅެގެން އާމްދަނީ ލިބޭނެ ގޮތް ހަދަނީ

ރާއްޖޭގައި ޓިކްޓޮކުން ފައިސާ ލިބޭނެ ގޮތް ހަދަން މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ ޓިކްޓޮކް "މަނިޓައިޒް" ކުރުމަށްޓަކައި އަދި ޓިކްޓޮކުން ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތް ހޯދުމަށްޓަކައި ޓިކްޓޮކްގެ ރީޖަނަލް އޮފީސްތަކާއި ވާހަކަދައްކަން މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުން އަންނަނީ ޗައިނާ ސަރުކާރުގައިވެސް އެހީއަށް އެދިގެން ކަމަށް ވިދާޅުވި އެވެ.

"ކުރިއެރުންތަކެއް އަޅުގަނޑުމެންނަށް އެބަދޭ އިރާދަކުރެވިއްޔާ ލިބެމުން. ޖުމްލަ ގޮތެއްގައި ކޮންޓެންޓް ކްރިއޭޓަރުންނަށް ދިމާވެފައި މިހުރި ގޮންޖެހުންތަކުގައި އަދި ހާއްސަކޮށް އީ ކޮމާސްގެ ތެރޭގައި މިހުރި ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ރައީސްގެ މެނިފެސްޓޯ ވައުދެއްގެ ގޮތުން އަޅުގަނޑުމެން 8 މަސް ދުވަސް ތެރޭގައި އާދެވިފައި ތިބި ހިސާބު މި ދެންނެވީ،“ ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދާދިފަހުން އެމެރިކާއަށް އޭނާ ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގައި ޔޫޓިއުބުން ވެސް ފައިސާ ލިބޭނެ ގޮތް ހެދުމާއި ގުޅޭގޮތުންނާއި ގޫގުލް ޕޭގެ ހިދުމަތާ ގުޅޭގޮތުންވެސް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އަންނަ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުން ކުރަން ފެށޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޓިކްޓޮކަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެޕެކެވެ. މި އެ އެޕް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ބިލިއަނަކަށް ވުރެ ގިނަ އެވެ.