ސިވިލް ކޯޓް

ސިވިލް ކޯޓުގެ އިސް ގާޒީ ރިޓަޔާކުރައްވައިފި

Aug 22, 2022

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުالله އަލީ ރިޓަޔާ ކުރެއްވުމަށް ހުށަހެޅުއްވުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެ ހުށަހެޅުން ގަބޫލުކޮށްފި އެވެ.

ގާޒީ އަބްދުﷲގެ ރިޓަޔާމެންޓާ މެދު ޖޭއެސްސީ އިން އިއްޔެ ގޮތެއް ނިންމާ އެކަން ވަނީ ގާޒީ އަށް އަންގާފަ އެވެ.

ގާޒީ އަބްދުﷲގެ ރިޓަޔަމަންޓާ މެދު ޖޭއެސްސީ ގޮތެއް ނިންމި ނަމަވެސް ރަސްމީކޮށް އޭނާ ފަނޑިޔާރު ކަމުން ވަކިވާނީ މިހާރު ސިވިލް ކޯޓުގައި ގާޒީ އަބްދުﷲ ބަލަމުންދާ މައްސަލަތައް ނިމުމުން އަންނަ މަހުގެ ހަތަރުވަނަ ދުވަހު އެވެ.

ސިވިލް ކޯޓުގެ އިސް ގާޒީގެ ޒިންމާ ހަވާލުކުރުމަށް ޖޭއެސްސީ އިން ނިންމާފައިވަނީ ސިވިލް ކޯޓުގެ ގާޒީ އަހްމަދު ނިމާލު ޖުނައިދު އަށެވެ.

ގާޒީ އަބްދުﷲ ސިވިލް ކޯޓުގެ އިސް ގާޒީގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވަނިކޮށް ރަސްމީކޮށް އޭނާ އެ މަގާމަށް ހަމަޖެއްސީ 2016 ވަނަ އަހަރު އެވެ.

ގާޒީ އަބްދުﷲ ރިޓަޔާ ކުރައްވަން ނިންމަވާފައި މިވަނީ އޭނާގެ މައްސަލަތަކެއް ޖޭއެސްސީން މީގެކުރިން ބަލާފައި ވަނިކޮށެވެ. ނަމަވެސް އޭނާގެ މައްޗަށް އެއްވެސް މައްސަލައެއްގައި ކުށް ސާބިތުވެފައެއް ނުވެ އެވެ.

ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާ ގާޒީންނާއި ފަނޑިޔާރުންނަށް ގަނޑުކޮށް އަދި މަހުން މަހަށް ލިބޭ ހާއްސަ އިނާޔަތްތަކެއް ހުރެ އެވެ.