ހޮލީވުޑް

ޗައިނާގައި "މިނިއަންސް: ދަ ރައިޒް އޮފް ގްރޫ"ގެ ނިމޭ ސީން އެޑިޓްކޮށް ބަދަލުކޮށްލައިފި

Aug 23, 2022
1

ޗައިނާގެ ސަރުކާރުން އެ ގައުމުގައި "މިނިއަންސް: ދަ ރައިޒް އޮފް ގްރޫ" އެޅުވުމުގެ ކުރިން، އެ ފިލްމްގެ ނިމޭ ސީން އެޑިޓްކޮށް، ސިޔާސަތުތަކާ އެއްގޮތަށް ވާހަކަ ބަދަލުކޮށްފި އެވެ.

މިއީ ޗައިނާއިން އަލަށް ކުރާ ކަމެއް ނޫނެވެ. ނަމަވެސް މިކަމާ އާންމުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

"މިނިއަންސް: ދަ ރައިޒް އޮފް ގްރޫ"ގެ އިންޓަނޭޝަނަލް ވާޝަންގައި ވައިޓް ނަކަލްސް (ފިލްމްގެ އެއް މައި ކެރެކްޓަރ) އަދި ގްރޫ ވައްކަން ކޮށްފައި، ވައިޓްނަކަލްސް ފިލަންވެގެން މަރުވި ކަމަށް ހަދައި ދެމީހުން އެއްކޮށް ފިލަ އެވެ.

ނަމަވެސް ޗައިނީސް ވާޝަންގައި ވައިޓްނަކަލްސް އަތުލައިގަނެ، 20 އަހަރުގެ ޖަލު ހުކުމެއް އަދާކުރަން ޖެހެ އެވެ. އަދި ގްރޫގެ އެންމެ ބޮޑު ކާމިޔާބީ އަކީ އޭނާގެ ބެލުމުގެ ދަށުގައިވާ ތިން އަންހެން ކުދިންގެ ބައްޕައަކަށް ވުމެވެ.

ބައެއް މީހުން އެކަމަށް މަލާމާތްކުރާއިރު އެނެއް ބައި މީހުން ބުނީ ޗައިނީސް ވާޝަންގައި އިތުރު އެއް މިނެޓު ދިގުވެފައި، ހީވީ ޕަވާ ޕޮއިންޓް ޕްރެޒެންޓޭޝަނެއް ކަމަށެވެ.

ޗައިނާގެ ތިއޭޓަރު ތަކުގައި އަޅުވާ ހޮލީވުޑް ފިލްމްތަކަށް ވެސް ކޯޓާއެއް އޮވެ އެވެ. އަދި ފިލްމްތަކުގެ ވަކި ސީނެއް ކަނޑާލާ ނޫނީ "މިނިއަންސް: ދަ ރައިޒް އޮފް ގްރޫ" ފަދައިން ބަދަލުކުރެ އެވެ.