ސިވިލް ކޯޓް

ސިވިލް ކޯޓަށް ފަނޑިޔާރަކު ހޯދަނީ

Aug 24, 2022

ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަނެއްކާވެސް ހުޅުވާލައިފި އެވެ.

ސިވިލް ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފައި މިވަނީ އެ ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ އަލީ ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުން ޖޭއެސްސީ ގަބޫލުކުރުމާ ގުޅިގެން އޭނާގެ ބަދަލުގަ އެވެ.

ފަނޑިޔާރުކުރުމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް މިމަހުގެ 15 ވަނަ ދުވަހު ވެސް ޖޭއެސްސީން ވަނީ އިއުލާންކޮށްފަ އެވެ. އޭރު ފަނޑިޔާރަކު ހޯދުމަށް އިއުލާން ކުރީ ފަނޑިޔާރު ޒުބައިރު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މި އިއުލާންގެ މުއްދަތު ހަމަވާނީ މިމަހުގެ 29 ވަނަ ވަނަ ދުވަހުގެ ނިޔަލަށެވެ.

ސިވިލް ކޯޓުގެ ގާޒީ އަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 1,650 ރުފިޔާއާ އެކު ޖުމްލަ 46،650 ރުފިޔާ ލިބެ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބޭނެ އެވެ.

ސިވިލް ކޯޓުގެ ގާޒީންގެ ގޮތުގައި މިވަގުތު މަސައްކަތް ކުރައްވަނީ 15 ބޭފުޅުންނެވެ.