ހަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލްގެ މެނޭޖަރު މަގާމުން ދުރުކުރަން އެދެފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ހަސަން މަގާމުން ވަކިކޮށްދިނުމަށް ހދ. ކުޅުދުއްފުށީ ކައުންސިލުން ހެލްތް މިނިސްޓްރީއަށް ދަންނަވައިފިއެވެ.

އެ ކައުންސިލުން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ވަނީ، ސިޒޭރިއަން ހަދައިގެން ލޭ މަނާނުވެ ރޭގެ ވަގުތެއްގައި މަރުވި އައިޝަތު ފަރިޔާލުގެ މައްސަލައާއި ވޭތުވެދިޔަ ހަތަރު މަސް ދުވަސް ތެރޭގައި ވިހެއުމުގައި ހިނގާފައިވާ ގިނަ މައްސަލަތަކުގެ ސަބަބުން ރައްޔިތުންގެ އިހުސާސްތައް ކޮޅުންލާފައިވާ ކަމަށެވެ. ހެލްތް މިނިސްޓްރީއަށް ފޮނުވި ސިޓީގައި އެ ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ހަސަނާއި އިސް ޑޮކްޓަރުގެ މަގާމުގައި ހުރި ޑޮކްޓަރު ރާއޯ މަގާމުން ވަކިކޮށްދިނުމަށް އެދިފައިވެއެވެ. އެ ދެ ބޭފުޅުން މަގާމުން ވަކިކޮށްދިނުމަށް އެދިފައިވަނީ ރައްޔިތުން އެގޮތަށް އަޑު އުފުލަމުންދާތީއެވެ. ކައުންސިލުން ބުނީ އެއީ މިހާރު މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

އައިޝަތުގެ ފަރިޔާލުގެ މަރާ ގުޅިގެން މިއަދު ހަވީރުން ފެށިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ދަނީ މުޒާހަރާ ކުރަމުންނެވެ. މިހާރު މުޒާހަރާ ނިމުމަކަށް އައިސްފައިވާއިރު މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ހޮސްޕިޓަލްގެ މެނޭޖުމެންޓާ ބައްދަލުކޮށްފައެވެ. އަދި އެ ފަރާތްތަކުގެ ސުވާލުތަކަށް މެނޭޖުމެންޓުން ޖަވާބުދީފައިވެއެވެ.

މިއަދު ކުޅުދުއްފުށީގައި ކުރިއަށް ދިޔަ މުޒާހަރާގައި ބައިވެރިން ވަނީ ހޮސްޕިޓަލްގެ މެނޭޖުމެންޓު އިސްތިއުފާ ދިނުމަށް ގޮވާފައެވެ. އަދި ފަރިޔާލުގެ ސިޒޭރިއަން ހެދި ޑޮކްޓަރު ލުއިސް ރަށުން ބޭލުމަށް ވެސް ގޮވާފައިވެއެވެ. ލުއިސް މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ. އޭނާ މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މާލެ ގެންނަނީ މައްސަލައިގެ ތަހުގީގަށެވެ.

މުޒާހަރާގެ ތެރޭގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދަށް ބަޔަކު ހަމަލާދީފައިވެއެވެ. ކައުންސިލްގެ ރައީސްގެ ބުރަކަށީގައި ބަޔަކު އަތުން ތަޅާފައިވާއިރު އަލީ މުހައްމަދަށް ވަނީ އަނިޔާވެފައެވެ. މިކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.