ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ކުރީގެ ނޫސްވެރިޔާ މިއުވާން މުހައްމަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް މުހައްމަދު ހިސާން އަލީ (ހިސްކޮ) ވިދާޅުވީ މިއުވާން މަގާމަށް އައްޔަންކުރީ މިއަދު ކަމަށެވެ.
އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއުވާން މަގާމަށް އައްޔަންކުރެއްވީ ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު މިއުވާން މިދިޔަ ދުވަސްތަކުގައި ހުންނެވީ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުގަ އެވެ.
ފުވައްމުލަކަށް އުފަން މިއުވާން ސިޔާސީ މަގާމަކަށް ވަޑައިގަތުމުގެ ކުރިން ރާއްޖޭގެ ނަން މަޝްހޫރު ބައެއް މީޑިއާތަކުގައި މަސައްކަތް ކުރައްވާފައިވެ އެވެ. އެގޮތުން ދިއެފްއެމް 95.2 ރޭޑިއޯއާއި، ރާއްޖެ ޓީވީއާއި ސަންގު ޓީވީގައިވެސް މަސައްކަތް ކުރައްވާފައިވެ އެވެ.