ހަބަރު

ޓެކްސީގައި ކެމަރާ ހަރުކުރަން މަޖުބޫރުކުރަނީ

ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރުން މަޖުބޫރުކޮށް، ޓެކްސީ ކުރުމުގެ ގަވައިދަށް އިސްލާހުތަކެއް ގެނެސްފި އެވެ.

އިއްޔެ ގެޒެޓް ކުރި ގަވައިދުގައިވާ އިސްލާހުތަކަށް އަމަލުކުރަން ފަށަނީ އިއްޔެ އިން ފެށިގެން ހަމަސް ދުވަސް ފަހުންނެވެ.

ގަވައިދުގައިވާ ގޮތުން ޑޭޝް ކެމަރާ އިން ރެކޯޑް ކުރާ މަންޒަރުތައް ހަތް ދުވަހުގެ މުއްދަތަކަށް ރައްކާތެރިކަމާ އެކު ބަލަހައްޓަންޖެހެ އެވެ.

ގަވައިދަށް ގެނައި އިސްލާހުތަކުގައިވާ ގޮތުން ޓެކްސީ ހިދުމަތްތަކުގެ އަގުތައް ޕަސަންޖަރުންނަށް ފެންނާނެހެން ހުންނަންޖެހެ އެވެ. ޓެކްސީތައް އޭސީ ކުރަންވެސް ލާޒިމުކޮށްފައިވެ އެވެ. އޭސީ މަސައްކަތް ނުކުރާނަމަ އެ މައްސަލަ ހައްލު ކުރެވެންދެން އެކަން ޕަސަންޖަރުންނަށް އެންގުމަށާއި، އޭސީ ނެތްނަމަ ވައި ދައުރުވާ ގޮތަށް ޓެކްސީގެ ކުޑަދޮރުތައް ހުޅުވާފައި ބެހެއްޓުމަށްވެސް ގަވައިދުގައި ބުނެ އެވެ.

ގަވައިދަށް ގެނައި އިސްލާހުތަކުގެ ތެރޭގައި "ޕްރައިވެޓް ހަޔާ" ނުވަތަ ޓެކްސީ ސެންޓަރަކާ ނުގުޅި ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ބައެއް ކަންކަންވެސް ގަވައިދުގައި ހިމަނާފައިވެ އެވެ. އެގޮތުން މިގަވައިދުގެ ދަށުން ޕްރައިވެޓް ހަޔާއަށް އަމާޒުކޮށްގެން ހަދާ އުސޫލު ތިން މަސް ތެރޭގައި ނިންމުމުން ޕްރައިވެޓް ހަޔާގައި ޓެކްސީ ހިދުމަތްދޭ ފަރާތްތަކުން އެ އުސޫލާ އެއްގޮތަށް އެފަރާތެއްގެ ވެބްސައިޓް ނުވަތަ އެޕް އަޕްޑޭޓް ކުރަންޖެހެ އެވެ.

ޓެކްސީ ގަވައިދަށް ބޮޑު ބަދަލެއް ގެނެސްފައި މިވަނީ މާލެއާއި އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން ދަނިކޮށެވެ.