ހޮލީވުޑް

ސިލްވެސްޓަ ސްޓެލޯންގެ ދެމަފިރިން 25 އަހަރު ފަހުން ވަރިވަނީ

ހޮލީވުޑް ތަރި ސިލްވެސްޓަ ސްޓެލޯންގެ އަންހެނުން ޖެނިފަ ފްލޭވިން އެމީހުންގެ 25 އަހަރުވީ ދިގު ކައިވެނި ރޫޅާލަން އެދިއްޖެ އެވެ.

މިދެމަފިރިން ވަނީ މޭ 17، 2022 ގައި ކައިވެނީގެ 25 ވަނަ އަހަރު އުފަލާއެކު ފާހަގަކޮށްފަ އެވެ. ކުރިއަށް އޮތް 25 އަށް ވުރެ ގިނަ އަހަރު އެއްކޮށް ހޭދަކުރާ ވާހަކަވެސް ދެއްކި އެވެ.

ނަމަވެސް އޭގެ 94 ދުވަސް ފަހުން، ޖެނިފަ ވަނީ ވަރިވާން އެދިފަ އެވެ. ވަރީގެ ސަބަބަކީ ކޮބައިކަން އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވި ނަމަވެސް، ވަރިއަށް އެދުނު ލިޔެކިޔުންތަކުގައި ސްޓެލޯނަށް ކައިވެންޏަށްފަހު ލިބިފައިވާ އެސެޓްތައް ފޮރުވާފައިވާ ކަމަށް ޝައްކުކުރެވޭ ކަމަށް ޖެނިފަ ވަނީ ބަޔާންކޮށްފަ އެވެ.

މިކަމާ ގުޅިގެން ސްޓެލޯން ބުނެފައިވަނީ އޭނާގެ އާއިލާ ދެކެ ލޯބިވާ ކަމަށާއި އެއީ އެމީހުންގެ ޒާތީ މައްސަލައެއް ކަމަށާއި އެ ކަންތައް އަމިއްލަ ގޮތުން ސުލްހަވެރިކަމާއެކު ހައްލުކުރަމުންދާނެ ކަމަށެވެ.

"ރާމްބޯ" އަދި "ރޮކީ" ފަދަ މަޝްހޫރު އެކްޝަން ފިލްމް ފްރެންޗައިޒްގެ ތަރި ސްޓެލޯން އާ ޖެނިފަ ލޯބީގެ ގޮތުން ފުރަތަމަ ގުޅިފައިވަނީ 1988 ގައެވެ.

ހަ އަހަރުގެ ގުޅުމަކަށްފަހު، ސްޓެލޯން ވަނީ ޖެނިސް ޑިކިންސަންއާ ގުޅުން ބަދަހިކޮށް ޖެނިފަ އަށް ބޭވަފާތެރި ވެފަ އެވެ.

ޖެނިފަ އަށް މިކަންތައް ނޭނގި ހުއްޓާ، އޭނާއާ ގުޅުން ކަނޑާލިކަން ސްޓެލޯން އަންގާފައި ވަނީ ފެޑެކްސް މެދުވެރިކޮށް ފޮނުވި ސިޓީއަކުން ކަމަށް ޖެނިފަ ވަނީ ހާމަކޮށްފަ އެވެ.

ޖެނިސް ބޭވަފާތެރިވި ފަހުން، ސްޓެލޯން އާއި ޖެނިފަ ވަނީ 1995 ގައި އަލުން ލޯބީގެ ގޮތުން ގުޅި 1997 ގައި ކައިވެނިކޮށްފަ އެވެ.