ހޮލީވުޑް

"އެވެޓަ" އަލުން އިންޑިއާގެ ސިނަމާތަކަށް

ޖޭމްސް ކެމެރަންގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމުގައިވާ "އެވެޓަ"ގެ ސިކުއަލް "އެވެޓަ: ދަ ވޭ އޮފް ވޯޓަ" ރިލީޒްކުރުމުގެ ކުރިން، އެ ފިލްމުގެ ފުރަތަމަ ބައި އަލުން އިންޑިއާގެ ސިނަމާތަކަށް ރިލީޒްކުރަނީ އެވެ.

މި ފިލްމް އިންޑިއާއަށް އަލުން ރިލީޒްކުރަނީ ދެ ހަފްތާއަށް، ސިކުއެލް ޕްރޮމޯޓް ކުރުމުގެ ގޮތުންނެވެ.

މި ފިލްމްގެ ފުރަތަމަ ބައި ނިކުމެފައިވަނީ 2009 ވަނަ އަހަރު އެވެ. މި ފިލްމުގެ މައިގަނޑު ރޯލްތައް އަދާކޮށްފައިވަނީ ސޭމް ވޯތިންޓަން އާއި ޒޯއީ ޒަލްޑާނާ އާއި ސިގޯނީ ވީވަ އަދި ސްޓީވަން ލޭން ފަދަ ތަރިންނެވެ.

މި ފިލްމްގެ ޕްރޮމޯޝަނަލް އިވެންޓްތަކުގައި ސޭމް ވޯތިންޓަން އާއި ޒޯއީ ޒަލްޑާނާ ފެނިގެންދާނެ ކަމަށް 20ތް ސެންޗުރީ ފޮކްސްގެ ރަސްމީ ޓްވިޓާ އެކައުންޓުން ޕޯސްޓްކޮށްފައިވެ އެވެ.

" އެވެޓަ" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެއް ފިލްމެވެ. މި ފިލްމް ވަނީ ތިން އޮސްކާ އެވޯޑާއި އެހެނިހެން ބައެއް އެވޯޑްތައް ވެސް ހާސިލްކޮށްފަ އެވެ.