ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި އިތުރުވަމުންދާތީ އެ މައްސަލަ ތަހައްމަލުކުރަން ޖެހިފައިވާ ރައްޔިތުންނަށް އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ދަށުން ބޭސް ފަރުވާގެ ފުރުސަތުތައް މިހާރަށް ވުރެ ފުޅާކޮށް، ފަސޭހަކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހަޅުއްވައި ދެއްވީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމު އެވެ.
ގަރާރުގައި ބުނެފައިވަނީ ގާނޫނުއަސާސީއާއި އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ރައްޔިތުންނަށް ހަމަހަމަކަމާ އެކު ރަގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ލިބިގަތުމުގެ ހައްގު ކަށަވަރުކޮށްދޭ ކަމަށެވެ.
އިޖުތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުންނާއި އުމުރުގެ ގޮތުންނާއި ދުޅަހެޔޮކަމުގެ ގޮތުން އާބާދީގެ ތަފާތު ގިންތި ތަކުގެ މެދުގައި ރިސްކް ޕޫލްކޮށް އެމީހެއްގެ އިގްތިސޯދީ ހާލަތު ތަންދޭ މިންވަރަކުން ހިއްސާކުރާ ގައުމީ ނިޒާމު އިތުރަށް ފުޅާކޮށް އެ ނިޒާމުގެ އިންސާފުވެރިކަން ކަށަވަރުކުރުމަށް ގާނޫނުގައި ބާރުއަޅާ ކަމަށްވެސް ގަރާރުގައިވެ އެވެ.
ގަރާރުގައި ބުނެފައިވަނީ މިހާރު ރާއްޖޭގެ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު ބައްޓަންވެފައި އޮތް ގޮތުން ދަރިމައިނުވުމުގެ މައްސަލައަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް އެ ނިޒާމުގެ ދަށުން އިންތިހާއަށް ހަނިވެފައިވާ ކަމަށެވެ.
މި މައްސަލައަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް ގަވައިދުން ބޭނުންވާ ބައެއް ބޭހުގެ ބާވަތްތައް ރާއްޖެއިން ހޯދުމުގައި ތަފާތު އުދަނގޫތައް ހުންނަ ކަމަށް އެފަރާތްތަކުން ފާހަގަކުރާ ކަމަށްވެސް ގަރާރުގައިވެ އެވެ. އަދި ދަރިމައިނުވުމުގެ މައްސަލަ އާއި ގުޅިގެން ދެވޭ ބައެއް އަސާސީ ފެންވަރުގެ ބޭސްވެސް ރާއްޖޭގެ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ސްކީމް (އާސަންދަ)ގެ ދަށުން ނުލިބޭތީއާއި، ދަރިމައިނުވުމުގެ މައްސަލައަށް ހާއްސަކުރެވިފައިވާ ސްޕެޝަލިސްޓުންގެ ހިދުމަތް ހޯދުން ރާއްޖޭގައި އިންތިހާއަށް ދަތިވެފައިވާ ކަމަށްވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. މައްސަލައާއި ގުޅޭ އެއްވެސް ރަގަނޅު ފެންވަރުގެ ދިރާސާއެއް ނުވަތަ ތަފާސް ހިސާބެއް ރާއްޖޭގައި ނެތް ކަމަށްވެސް ގަރާރުގައިވެ އެވެ.
މިގަރާރުގައި ވަނީ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި މައްސަލައާއި ގުޅޭ ރަގަނޅު ގައުމީ ފެންވަރުގެ ދިރާސާއެއް ހެދުމަށްވެސް ގޮވާލާފަ އެވެ. ދަރިމައިނުވުމުގެ މައްސަލައަށް ބޭނުން ކުރާ ބައެއް އަސާސީ ފެންވަރުގެ ބޭސްތައް ފަސޭހައިން ރާއްޖެއިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ފަދަ ކުރު ރާސްތާގައި އެޅޭނެ އަވަސް ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލާފައިވެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މައްސަލައަށް ބޭސްކުރަމުންދާ ފަރާތްތަކަށް އާސަންދައިގެ ދަށުން ފަރުވާ ކުރެވޭނެ ގޮތްތައް ހަމަޖައްސައިދީ ރާއްޖޭގެ އިގްތިސާދީ ފެންވަރަށް ބަލައިގެން އެކަށީގެންވާ ޖުމްލަ ހައްލެއް ހޯދައިދިނުމަށްވެސް ގޮވާލާފައިވެ އެވެ.
މިގަރާރަށް ބަހުސް ކުރައްވާ މެންބަރުން ގެންދަވަނީ މިއީ މުހިއްމު ގަރާރެއް ކަމާއި ގަރާރުގައި ފާހަގަކޮށްފައިވާ މައްސަލައަށް ސަރުކާރުން އަވަަސް ހައްލުތަކެއް ހޯދައިދޭން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ.