ބޮލީވުޑް

ރަންބީރުގެ ދިފާއުގައި ގޯހަރު ހާން ވާހަކަދައްކައިފި

Aug 29, 2022

ރަންބީރް ކަޕޫރަށް ފާޑުކިޔާ މީހުންނަށް ރައްދުދީ، ރަންބީރުގެ ދިފާއުގައި ގޯހަރު ހާން ވާހަކަދައްކައިފި އެވެ.

"މިހާރަކަށް އައިސް މީހުން ކަންކަމާ މާބޮޑަށް ސެންސިޓިވް ވަނީ. އަމިއްލަ އަނބިމީހާއާ ކުޑަކޮށް ސަމާސާ ކޮށްލީމަ، މައްސަލައަކަށްވެ ނޭގޭ ކާކު ކޮންތާކު ކަމެއް އޮފެންޑް ވާނީ. ޓޭކް އަ ޗިލް ޕިލް...އޭރުން ދުނިޔޭގެ ވަރަށް ގިނަ މައްސަލަތައް ހައްލުވާނެ،" ގޯހަރު ޓްވީޓް މެދުވެރިކޮށް ބުންޏެވެ.

ގޯހަރު ބުނީ މިހާރަކަށް އައިސް ބައެއް މީހުންގެ އެއްވެސް ކެތްތެރިކަމެއް ނެތް ކަމަށާއި މީހަކު އަންގައިން ބުނެލާއިރަށް ކޮންމެވެސް މީހަކު އެކަމާ ރުޅިއަންނަ ކަމަށެވެ. މީހުން ދައްކާ ވާހަކަތައް ބަލައިގަތުމުގެ ހިތްވަރު ނެތީތޯވެސް ގޯހަރް ސުވާލުކޮށްފައިވެ އެވެ.

ގޯހަރު ބުނީ ސަމާސައަކަށް ބުނާ ބަސްތައް ސަމާސާއަކަށް ނަގަންވާނެ ކަމަށާއި އާލިއާ އަކީ ރަންބީރްގެ އަނބިމީހާ ކަމަށެވެ. ނަސްލީގޮތުން ތަފާތު ކުރާ ކަހަލަ އަދި އިހްތިރާމް ކުޑަކުރުމުގެ ގޮތުން ވަކި ހާއްސަ ބަސްތަކެއް ބޭނުން ނުކުރާނަމަ ދައްކާ ވާހަކަ ސަމާސާއެއްގެ ގޮތުގައި ނެގުމަށްވެސް ގޯހަރު އެދިފައިވެ އެެވެ.

ރަންބީރުގެ ދިފާއުގައި ގޯހަރު ވާހަކަ ދެއްކީ ރަންބީރާއި އާލިއާ އެކުގައި ކުޅެފައިވާ ފިލްމު "ބްރަހްމާސްތްރަ"ގެ ޕްރޯމޯޝަން އިންޓަވިއުއެއްގައި އާލިއާ އަށް އިޝާރާތްކޮށް ރަންބީރު ސަމާސާކޮށްލުމުގެ ގޮތުން ބުނި އެއްޗަކަށް އެތައް ބަޔަކު ރަންބީރަށް މަލާމާތްކޮށް ފުރައްސާރަ ކުރަން ފެށުމުންނެވެ.

ބްރަހްމާސްތްރަގެ ޕްރޮމޯޝަންގެ ތެރެއިން މީހަކު ކުރި ސުވާލެއްގައި އެ ފިލްމު ޕްރޮމޯޓް ކުރަން ރަންބީރު މާބޮޑަށް ނޫޅެނީ ކީއްވެތޯ އަހައެވެ. ޖަވާބުގައި އާލިއާ ބަނޑުބޮޑުވުމުން އޭނާ މާފަލަކަމުން އެހާ ބޮޑަށް ފިލްމު ޕްރޮމޯޓް ނުކުރަނީ ކަމަށް ދޭހަވާ ގޮތަށް ރަންބީރު ވަނީ ސާމާސާ ރާގެއްގައި ވާހަކަދައްކާފަ އެވެ. އެ ވާހަކަ ބައެއް މީހުން ވަނީ މާބޮޑު ކަމަކަށް ހަދާލާފަ އެވެ.

އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ރަންބީރް ބުނީ އޭނާ ދެއްކި ވާހަކައެއް ދެއްކީ ސަމާސާއަކަށް ކަމަށާއި، އާލިއާ އަކީ އޭނާގެ އަނބިމީހާ ކަމަށްވާތީ އާލިއާ ދެކެ އިންތިހާއަށް ލޯބިވާ ކަމަށެވެ. އެނާގެ ސަމާސާ އެއީ ސަމާސާ އަކަށް ނުވާ މީހުންގެ ޖަޒުބާތުތަކާ ކުޅެވުނީތީ މައާފަށް އެދޭ ކަމަށްވެސް ބުނެފައިވެ އެވެ.