ބޮލީވުޑް

ރަންބީރަށް ލޯބީގައި ނާކާމިޔާބު ވަނީ ހިތް މަޑުކަމުން: ނީތޫ

އެކްޓަރު ރަންބީރު ކަޕޫރަކީ ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ އެންމެ ހުނަރުވެރި އެކްޓަރު ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެއާއެކު އޭނާއަކީ ލޯބީގެ ރޮނގުން ވެސް ހަމަ އެހާ ކުޅަދާނަ ޒުވާނެކެވެ. ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އެންމެ ރީތި އެންމެ ނަން މަޝްހޫރު ގިނަ ބަތަލާއިންނާ ރަންބީރު ލޯބީގެ ގޮތުން ގުޅިފައި ވެއެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ގުޅުންތައް ކެނޑިގެން ގޮސްފައި ވަނީ ހީވެސް ނުކުރާ ކަހަލަ ގޮތް ގޮތަށެވެ.

ނަރްގިސް ފަހްރީ، ދީޕިކާ ޕަދުކޯން، ކެޓުރީނާ ކައިފާއެކު ރަންބީރުގެ އޮތް ލޯބީގެ ގުޅުން އިންޑިއާގެ މީޑިއާގައި އެކި ދުވަސްވަރު ޝާއިއު ކޮށްފައިވާ ޚަބަރުތަކުން ވަރަށް ރަނގަޅަށް ސާފުވެ އެވެ. ނަމަވެސް ވީނުވީއެއް ނޭނގި މި ހުރިހާ ބަތަލާ އިން ވެސް ވަނީ ރަންބީރުގެ ހަޔާތުން ގޮސްފަ އެވެ. މިހާރު ރަންބީރުގެ ލޯބިވެރިޔަކީ ހުނަރުވެރި ބަތަލާ އާލިއާ ބަޓެވެ.

ރަންބީރުގެ މަންމަ ނީތޫ ބުނި ގޮތުގައި ރަންބީރަށް އެއްވެސް އަންހެންކުއްޖަކާ ލޯބި ވެގެން މާ ގިނަ ދުވަހު ނޫޅެވެނީ އޭނާގެ ހިތް މަޑުކަމުންނެވެ. އެހެންވެ އެއްވެސް އަންހެނަކަށް ނޫނެކޭ ބުނަން ނުކެރޭތީ ކޮންމެ ފަހަރަކު ވެސް އޭނާ ހޫނު ފެނަށް ވެއްޓެނީ އެވެ.

"އެއީ މާ މަޑު ހިތެއްގެ ވެރިއެއް. އެއްވެސް މީހަކު ދެރަވާ ކަހަލަ ކަމެއް އޭނާ ނުކުރާނެ. ލޯބިގެ ގުޅުންތަކުގައި ވެސް އޭނާއަށް ލިބެނީ މި ލަނޑު. އެއްވެސް މީހަކަށް "ނޫން" ބުނަން ނުކެރުނީމަ ލަނޑު އަޅަނީ އޭނައަށް. އަހަންނަށް ވަރަށް ގިނަ ފަހަރަށް މި މަންޒަރު ފެނިފައި ވިޔަސް އެކަމުގައި އެހީތެރިކަމެއް ފޯރުކޮށެއް ނުދެވުނު،" ނީތޫ ބުންޏެވެ.

ނީތޫ ބުނި ގޮތުގައި ބައެއް ފަހަރު އޭނާ ބައެއް ކަހަލަ އިރުޝާދުތައް ރަންބީރަށް ދިނަސް އޭނަ އެ ވާހަކަތައް އަޑެއް ނާހަ އެވެ. އޭނާ ބާޣީ ހެދިފަ އޭނާއަށް ފެންނަ ގޮތަކަށް ކަން ކުރަނީ އެވެ.

"ފުރަތަމަ ފަހަރަށް އޭނާ ރައްޓެހި ވެގެން އުޅޭ ކުއްޖަކާ މެދު އަހަރެން އެއްޗެއް ބުނި ފަހަރު ވެސް އޭނާ ހިތްހަމަނުޖެހުނު. އަހަރެން ބުނިން އެއީ ރަނގަޅު ކުއްޖެއް ނޫނޭ ލޯބީގެ ގޮތުން ގުޅޭކަށް. އެހެންބުނީމަ އޭނަ އަހަރެން ދެކެ ރުޅި އައީ. އެހެންވެ މިހާރު އަހަރެން އެ ކަހަލަ ކަންކަމާ ވެސް ކުރިމަތިލާނެ ގޮތް ދަސްކޮށްފިން. އަހަރެން ބުނަންވާ އެއްޗެއް ބުނެފައި އަވަހަށް އެތަނަކުން ދަނީ. އެގޮތް މާ ރަނގަޅުހެން މަށަށް ހީވަނީ،" ނީތޫ ބުންޏެވެ.

ރަންބީރުގެ މިހާރުގެ ލޯބިވެރިޔާ އާލިއާ އަކީ ނީތޫ ވެސް އަދި ކަޕޫރު އާއިލާގެ އެންމެން ވެސް ވަރަށް ލޯބިވާ އެ އެންމެން ވަރަށް ހިތްހަމަޖެހޭ މީހެކެވެ. ފާއިތުވީ އަހަރު ތެރޭގައި ރަންބީރާއި އާލިއާ ކައިވެނި ކުރަން އުޅުނު ކަމަށާއި ނަމަވެސް ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހެދި އެކަން ނުވީ ކަމަށް ރަންބީރު ވަރަށް ފަހުން ދިން އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.