އާލިއާ ބަޓް

އާލިއާގެ ލޯބީގެ މެސެޖް: ރަންބީރަށް ހިތްވަރަކަށް

ލޯބިވެރިޔާ ރަންބީރު ކަޕޫރަށް ކޮވިޑް ޖެހި އޭނާއާ ބައްދަލު ނުވެވޭތީ އާލިއާ ބަޓް ވަރަށް ދެރަވެއްޖެ އެވެ. އެހެންވެ އާލިއާ ވަނީ އޭނާގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓުން ވަރަށް ހާއްސަ މެސެޖެއް ރަންބީރަށް ފޮނުވާފަ އެވެ. ދެ މީހުން އަތާ އަތް ގުޅާލާފައިވާ ފޮޓޯއަކާއެކު އާލިއާ ޕޯސްޓްކުރި މެސެޖުގައި ރަންބީރު މަތިން ވަރަށް ބޮޑަށް ހަނދާންވާ ކަމަށް ބުނެފައި ވެއެވެ.

އާލިއާ މިހާރު ކުޅެމުންދާ "ބްރަހްމަޝްތުރާ" އާއި "ގަންގުބައި ކަތިއާވަޅީ" ގެ ސެޓުގައި ހިމެނޭ ބައެއް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވިޔަސް އާލިއާގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށް އޭނާ ވަނީ ސޯޝަލް މީޑިއާގައި ބުނެފަ އެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބުމާއެކު އާލިއާ ބުނީ މި ފިލްމުތަކުގެ ޝޫޓިންގްގައި އަލުން ބައިވެރިވާން ފަށާފަ އެވެ.

ރަންބީރު ރަނގަޅު ވުމުން "ބްރަހްމަޝްތުރާ" ގެ ނުނިމި އޮތްބައި އާލިއާ އާއި އޭނާ ފުރިހަމަ ކުރަން ވަނީ ހަމަޖެހިފަ އެވެ. އެއަށްފަހު ސަންޖޭ ލީލާ ބާންސާލީގެ "ގަންގުބާއީ ކަތިއާވަޅީ" ގެ ޝޫޓިން އާލިއާ ނިންމާނެ އެވެ.

މި ފިލްމުގެ ޝޫޓިންގްގައި އުޅެނިކޮށް ބާންސާލީ ކޮވިޑް-19 އަށް ޕޮޒިޓީވްގެ ފިލްމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން ހުއްޓިފަ އެވެ. މި ދެ ފިލްމު ނިންމުމަށްފަހު ދެން އާލިއާ ކުޅެން ހަމަޖެހިފައި ވަނީ އެސްއެސް ރާޖާމޯލީ ޑައިރެކްޓްކުރީ "އާރްއާރްއާރް" އެވެ.

ރަންބީރު އާއި އާލިއާ މި އަހަރު ކައިވެނި ކުރާނެ ކަމަށް އިންޑިޔާގެ ނޫސްތަކުން ތަންކޮޅެއް ކުރިން ޚަބަރުތައް ފަތުރާފައި ވެއެވެ. ނަމަވެސް މި ކައިވެނި އޮންނާނީ އަހަރުގެ ކިހާ ހިސާބެއްގައި ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ.

މިދިޔަ މަހު ފިލްމްފެއާ އަށް ދިން އިންޓަވިއުއެއްގައި ރަންބީރު ބުނި ކޮވިޑްގެ ވަބާ ކުރިމަތިނުވި ނަމަވެސް އޭނާ އާއި އާލިއާ މިހާރު ތިބީހީ ކައިވެނި ކޮށްގެން ކަމަށެވެ. އެމީހުންނަށް ފާއިތުވީ އަހަރު ކައިވެނި ކުރެވޭ ގޮތް ނުވީ ކޮވިޑްގެ ސަބަބުން އެތައް މަހެއް ވަންދެން އިންޑިއާ ލޮކްޑައުން އަށް ގޮސްފައި އޮތީމަ ކަމަށް ވެސް ރަންބީރު ބުނެފައި ވެއެވެ.

ރަންބީރު އާއި އާލިއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެމީހުން ރައްޓެހިވީ އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ބްރަހްމަޝްތުރާ" ގެ ޝޫޓިން ފެށި ހިސާބުންނެވެ.

ރަންބީރު ކުރިން ވަނީ ދީޕިކާ ޕަދުކޯން އާއި ކެޓުރީނާ ކައިފް އާ ރައްޓެހި ވެގެން ގިނަ ދުވަސްތަކަކު އުޅެފަ އެވެ. އާލިއާ ރައްޓެހި ވެގެން އުޅުނީ އެކްޓަރު ސިދާރްތު މަލްހޯތުރާ އާއެވެ.