އެމެރިކާ އޮތީ ލަންކާގެ ތަރައްގީއަށް އެހީތެރިވެދޭ ގޮތަށް ކަމަށް ލަންކާގައި ހުންނަވާ އެމެރިކާގެ ސަފީރު ޖޫލީ ޗޭ ޗޮން ވިދާޅުވެއްޖެ އެވެ.
އިންޓަނޭޝަނަލް މަނީޓަރީ ފަންޑް (އައިއެމްއެފް)އާ އެކު ކުރެވޭ މަޝްވަރާތައް ފާލަށްއެޅި ކޮޅެއްގައި ޖެހިއްޖެ ނަމަ އެމެރިކާގެ އެހީތެރިކަން ލަންކާއަށް ފޯރާނީ އެ ޖަމާއަތުގެ ތެރެއިން ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.
ލަންކާގެ އިގުތިސޯދު ވަރަށް ބޮޑަށް ދަށަށް ގޮސް މާލީ އިދާރާތަކުން އެހީ ހޯދަން ކުރާ މަޝްވަރާތަކުގައި އައިއެމްއެފްގެ އޮފިޝަލުން ދެބުރަކަށް ލަންކާއަށް ޒިޔާރަތްކޮށްފި އެވެ.
އިގުތިސޯދީ ގޮތުން ކޮޅަށް ތެދުވުމަށް ލަންކާއިން ދަނީ ވޯލްޑް ބޭންކް އަދި ގާބިލު އިންވެސްޓްމަންޓް ބޭންކްތަކާ އެކު މަޝްވަރާ ކުރަމުންނެވެ.
އެމެރިކާގެ ސަފީރު ވިދާޅުވި ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަދި ލަންކާގެ ދަނޑުވެރިންނަށް ބޭނުންވާ ގަސްކާނާއަށް އެމެރިކާ އިންވެސްޓް ކުރާނެ އެވެ.
ލަންކާގެ އިގުތިސޯދު އެމެރިކާއަށް ވެސް މުހިއްމު ކަމަށް ވިދާޅުވެ ސަފީރު ވިދާޅުވި ގޮތުގައި ލަންކާ ކޮޅަށް ޖަހަން އެމެރިކާ ވަރަށް ބޮޑަށް މަސައްކަތްކޮށް ދެއްވާނެ އެވެ.
ލަންކާއަށް އެހީވާނެ ކަމަށް އެމެރިކާ ކުރިން ވެސް އޮތީ ބުނެފަ އެވެ. އެހެން ނަމަވެސް އެހީތެރި ވެވޭނީ ދުނިޔޭގެ މާލީ އިދާރާތަކާ އެކު ލަންކާ ކުރަމުން ގެންދާ މަޝްވަރާތަކުން ނުކުންނަ ނަތީޖާތަކަށް ބެލުމަށް ފަހުގައި ކަމަށްވެސް އޮތީ ބުނެފަ އެވެ.
ލަންކާ އިން ނަގާފައި ހުރި ބޮޑެތި ދަރަނިތައް ދެއްކޭވަރު ނެތި ގައުމު ވަނީ ބަނގުރޫޓުވެފަ އެވެ. އާންމުން ގަބޫލުކުރާ ގޮތުގައި ލަންކާއަށް މި ހާލަތު ޖެހުނީ ސަރުކާރުން ބަސްނޭހުމާއި ގައުމެއް ހިންގާހާ ފެންވަރު ނެތުމުންނެވެ.
ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ދުނިޔޭގެ މާލީ އިދާރާތަކުން ލަންކާއަށް ދިން އިރުޝާދަށް ބެލުމެއް ނެތި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރަން ހަދައިގެން ލަންކާއަށް ލިބުނު ލަނޑު މިހާރު އެ އޮތީ ފެންނާށެވެ.
ވަގުތު ބަހައިގެން ކަރަންޓް ކެނޑުމާއި ދެ ދުވަސް ވަންދެން ތެޔޮ ކިޔޫގައި ތިބެން ޖެހުން އަދި ކާބޯތަކެތީގެ އަގު އެވްރެޖް މީހުންނަށް އަތްނުފޯރާ ފަށަށް ވަނީ އުފުލިފަ އެވެ.
އެހެން ނަމަވެސް ލަންކާގެ ހާލަތު މިހާރު އަންނަނީ މަޑުމަޑުން ހަމައަކަށް އެޅެމުންނެވެ. ތެޔޮ ކިޔޫގައި އެހާ ގިނަ ވަގުތު ނުތިބެ ފަރުޖެހޭނެ ގޮތްތައް ސަރުކާރުން ދަނީ ހަމަޖައްސަމުންނެވެ.
އަނެއްކޮޅުން ބޭރު ފައިސާގެ ރިޒާވު ހިފެހެއްޓުމަށް ލަންކާއަށް ބައެއް ތަކެތި އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ.