ދުނިޔެ

ލަންކާގައި އާންމުން އަނެއްކާ ވެސް މަގުތަކަށް

އިގުތިސާދީ ގޮތުން ނިކަމެތިވެ އަމިއްލަ ބާރުގައި ހިނގައިނުގަނެވިގެން އުޅޭ ލަންކާގެ އާންމު ހާލަތު ކުރިން އޮތް ވަރަށް ބަދަލުވާން އަދި ދުވަސްތަކެއް ނަގާނެ އެވެ.

އެހެން ނަަމަވެސް، ސަރުކާރު ބުނާ ގޮތުން އެކަން ކުރެވެން އޮތީ އާންމުންގެ އެއްބާރުލުމާ އެކު އެވެ. ދެއިރު ދަޅައަށް މަގުތަކަށް ނުކުމެ ހޯބޯލެވުމަކުން ހައްޔަރަށް ދިއުން ނޫން ކަމެއް މިވަގުތަށް ނެތް ކަމަށްވެސް އޮތީ އަންގާފަ އެވެ.

ގައުމު އޮތް ދަތިހާލުން ސަލާމަތްކުރަން ސަރުކާރުން ކުރާ މަސައްކަތްތައް ކަމުނުދާ ކަމަށް ބުނެ އާންމުންނާއި ސިޔާސީ ގޮތުން ވަކި ފިކުރަކަށް އަރިވެފައި ތިބި ގިނަ ބަޔަކު މިހާރު ވެސް ދަނީ މަގުތަކަށް ނުކުމެ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.

އާންމުން ދެކޭ ގޮތުގައި ތަކެތީގެ އަގުބޮޑުވަނީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުންނެވެ. އެކަށީގެން ނުވާ ވަރަށް ޓެކްސް ބޮޑުކުރުމަކީ އަދުގެ ހާލަތަށް ތަަސައްލީއެއް ލިބޭނެ ކަމެއް ނޫން ކަމަށްވެސް ސަރުކާރަށް ފާޑުކިޔާ މީހުން ބުނެ އެވެ.

ދެމެހެއްޓެނިވި ފިކުރެއްގައި ޚިޔާލު ފާޅުކުރުން ކުށަކަށް ހެދުމަކީ ވެސް އެކަމާ ދެކޮޅަށް ނުކުންނަން ޖެހޭ ސަބަބެއް ކަމަށް އާންމުގެ ގިނަ ބަޔަކު ދެކެ އެވެ. އެހެން ނަަމަވެސް، ސަރުކާރުން އަންގާފައި އޮތީ ޚިޔާލު ފާޅުކުރަން ހުރަސް ނާޅާނެ ކަމަށާއި އެކަމަކު ޚިޔާޅު ފާޅުކުރާނީ މުޅި ލަންކާގައި ނޫން ކަމަށެވެ. އިދާރާތަކުން ހުއްދަދީފައި ހުރި ތަންތަން އެއްވެ ޖަޒުބާތުވުން މައްސަލައެއް ނޫން ކަމަށް ވެސް އޮތީ އަންގާފަ އެވެ.

ތިންއިރު ކޮއްތުން އާންމުން މަހުރޫމްވެފައި ވަނީ ސަރުކާރު ހިންގި ބައެއްގެ އިހުމާލުން ކަމަށް އާންމުން ބުނާ ބުނުން ރަނިލް ވިކްރަމަސިންހަގެ ސަރުކާރުން ވެސް ގަބޫލުކުރެ އެވެ. އެހެން ނަމަވެސް ލަންކާ މިހާރު އޮތީ ކޮންމެ ސަރުކާރަކުން ދައުލަތް ހިންގި ނަމަވެސް ފަރަގު ނަތީޖާއެއް ނުކުންނާނެ ހާލަތުގައެއް ނޫނެވެ.

ލަންކާއިން މިހާރު ވެސް ދަނީ ދުނިޔޭގެ މާލީ އިދާރާތަކާ މަޝްވަރާ ކުރަމުންނެވެ. ޗައިނާ އާއި މާލީ ބޭންކުތަކުންން ނަގާފައި ހުރި ދަރަނި އަލުން ބަލައި -- ދަރަނި ދެއްކުމަށްޓަކައި ސަރުކާރުގެ ސިޔާސަތަށް ގެންނަން ފެންނަ ބަދަލުތަކާ ބެހޭ ގޮތުން ދަނީ މަޝްވަރާކުރަމުންނެވެ.

އިންޓަނޭޝަނަލް މަނީޓަރީ ފަންޑުން އަދި އެމެރިކާ ސަރުކާރުން ވެސް ވަނީ ލަންކާއަށް ވަގުތީ ހައްލެއް ހޯދައިދޭނެ ކަމަށް ބުނެފަ އެވެ. ބާކީބައި ކުރިއަށް ދާން އޮތީ ދާޚިލީ ގޮތުން ގައުމު ހަމައަކަށް އެޅި ސަރުކާރުން ހިންގަން ފުރުސަތު ދީގެން ކަމަށް މާލީ އިދާރާތަކުން ވެސް ބުނެ އެވެ.